Ads by
ޚަބަރު
މެޑަމް ފަޒްނާ އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ކުރިއަށް އޮތް ދައުރަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Eki Online

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު، މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރެއްވުމާއި ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަމުގެ މި ދައުރުގައި އެކަމަނާގެ ތަޖުރިބާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުނާ ޙިއްޞާ ކުރައްވައި، އެއްވެސް ކަމަކަށް އެހީތެރިކަން ބޭނުންފުޅުވާނަމަ އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން އެކަމަނާ ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް އެކަމަނާގެ ފަރާތުން ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަންހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.

Ads by
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *