ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ވަނީ ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ބިދޭސީ ފިރިހެނަކަށް އަނިޔާ ވެފައިވާކަމަށެވެ. އެމީހާއަށް ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
”އަނިޔާ ވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނަކަށް. އެމީހާ އިތުރު ފަރުވާ އަށް ތ. ވޭމަންޑޫ ގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން“ ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.














