އެތައްބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރުތައް ވީޑިއޯކުރި މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލާފައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރު، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމުގެ މުއްދަތު ހަމަވުމާއެކު ރާއްޖެއަށް އަލުން އެތެރެނުވެވޭ ގޮތަށް ޑީޕޯޓްކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ”މިހާރު“ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ރާއްޖެއިން ފުރުވާލާފައެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން އޭނާ ޑީޕޯޓްކޮށްފައިވަނީ ދެން ދުވަހަކުވެސް ރާއްޖެއަށް އެނބުރި ނާދެވޭ ގޮތަށެވެ.
އަލަމްގީރު ޑީޕޯޓްކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފައިވަނީ، އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޭނާ އެ އިދާރާއާ ހަވާލުކުރުމާ ގުޅިގެންނެވެ.
ދިވެހި ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރުތައް ރެކޯޑްކުރި މައްސަލައިގައި ދައުލަތުން އަލަމްގީރުގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއެއް އުފުލިއެވެ. އެ ދައުވާތަކަށް އޭނާ ޝަރީއަތުގައި އިއުތިރާފުވުމާ ގުޅިގެން، އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ގާނޫނުލްއުގޫބާތުގައި އޮރިޔާން ކާޑު ހެދުމުގެ ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބު ކަމަށްވާ 27 ދުވަހުގެ ޖަލު ހުކުމުގެ ރޭޓުން، 40 ދައުވާއަށް ޖުމްލަ ދެ އަހަރާއި 11 މަހުގެ ޖަލު އަދަބެއް އޭނާގެ މައްޗަށް އައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ތަންފީޒުކުރަން ޖެހުނީ ދެ އަހަރާއި ނުވަ މަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައިގައި ހުކުމް އިއްވުމުގެ ކުރިންވެސް އަލަމްގީރު ދިޔައީ އެއްޖިންސުން ގުޅުން ހިންގުމުގެ އެހެން މައްސަލައެއްގައި އިއްވި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ އިތުރު އެހެން ބައެއްގެ މައްޗަށްވެސް ޝަރީއަތުން ވަނީ ޖަލު ހުކުމް އިއްވާފައެވެ.











