މެދުއިރުމަތީގެ ސަލާމަތީ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ބާރުތައް އިތުރަށް ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ ސިފައިން އެ ޤައުމަށް ފޮނުވައިފިއެވެ.
ޕާކިސްތާނު އަސްކަރިއްޔާއިން މިއަދު ހާމަކުރި ގޮތުގައި، މި ނިންމުމަކީ ސަޢޫދީ ޢަރަބިއްޔާ އާއި ތުރުކީވިލާތާއެކު ވެފައިވާ ”މައްކާ އެލަޔަންސް“ ދިފާޢީ އެއްބަސްވުމުގެ ދަށުން، މިދިޔަ ހަފްތާގައި އިސްލާމްއާބާދުގައި ބޭއްވުނު ތިން ޤައުމުގެ ދިފާޢީ މަޝްވަރާތަކަށްފަހު ނިންމި ނިންމުމެކެވެ.
މިދިޔަ އޮގަސްޓް މަހު ޕާކިސްތާނު، ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކީވިލާތުގެ މެދުގައި ސޮއިކުރެވުނު މި އިސްތިރާޖީ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ، މެންބަރު އެއްވެސް ޤައުމަކަށް ދެވޭ ހަތިޔާރުއެޅި ހަމަލާއަކީ ތިން ޤައުމަށްވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، ދިފާޢުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ސިފައިން ފޮނުވަން ޕާކިސްތާނުން ނިންމާފައިމިވަނީ، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢޫދީއަށް ދެމުންގެންދާ ހަމަލާތަކާއި، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގައެވެ.
ޕާކިސްތާނު އަސްކަރިއްޔާގެ މީޑިއާ ގޮފި، އައިއެސްޕީއާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ބިމުގެ މިނިވަންކަން ދިފާޢުކުރުމަށާއި، މުޤައްދަސް ދެ ޙަރަމްފުޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕާކިސްތާނުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ޕާކިސްތާނު ސިފައިން ހަރަކާތްތެރިވާނީ ސަޢޫދީ ބިމުގެ އެތެރޭގައި، ދެ ޤައުމުން އެއްބަސްވެފައިވާ ދިފާޢީ އޮނިގަނޑުގެ ތެރެއިން، ސަޢޫދީގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށެވެ.
ނަމަވެސް، ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވާ ސިފައިންގެ އަދަދާއި، އެ މީހުން ތިބޭނެ ސަރަޙައްދުތަކުގެ އިތުރުން މި މިޝަންގެ މުއްދަތާ ގުޅޭ އެއްވެސް ތަފްޞީލެއް ޕާކިސްތާނު އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދިފާޢުގައި ސިފައިން ފޮނުވި ނަމަވެސް، ޔަމަނުގެ އެތެރެއަށް ވަދެ ހޫތީންނަށް ހަމަލާދިނުމުގެ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިނުވާނެކަން ޕާކިސްތާނުން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް އަލުން ފެށުމަށް ޑިޕްލޮމެޓިކް ގޮތުން ޕާކިސްތާނުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ފުރި ސިފައިންނަށް އަލްވަދާޢު ކިޔުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާޞިފާއި، ސަޢޫދީ ސަފީރު ރާޖިޙް އަލްބުޤަމީ އަދި އަސްކަރިއްޔާގެ އިސް ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު ދެ ޤައުމުގެ ދިފާޢީ އެއްބަސްވުމެއްގެ ދަށުން، މިއަހަރުގެ އޭޕްރީލް މަހުވެސް ޕާކިސްތާނުން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ޖެޓުތަކާއި ސަޕޯޓް މަތިންދާބޯޓުތައް ފޮނުވާފައެވެ.














