އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް އިއްޔެ ބޭއްވުނު ބައި-އިލެކްޝަންތަކުގެ ޖުމްލަ ނަތީޖާއިން އެންމެ ގިނަ ވޯޓު ހޯދައި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރި ހޯދައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދަކީ 2,054 އެވެ. މީގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިފައިވަނީ ޕީއެންސީއަށެވެ. އެއީ 1,051 ވޯޓެވެ. އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ޖުމްލަ ލިބިފައިވަނީ އެންމެ 647 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނަށް 356 ވޯޓު ލިބިފައިވާއިރު، މިއީ އެމްޑީޕީއާ ދެކޮޅަށް 1,407 ރައްޔިތުން ވޯޓު ދީފައިވާކަން ހާމަވާ ނަތީޖާއެކެވެ.
މި އިންތިޚާބުގައި އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެއް ނުކުމެފައިވަނީ ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީންނެވެ. އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑި، ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާ ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.
ހުޅުދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާއަށް 784 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް ފާޠިމަތު މުނީރަށް ލިބިވަޑައިގަތީ 503 ވޯޓެވެ. މި ނަތީޖާއާއެކު، ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް ހުޅުދޫ ކޮމިޓީން އެ ޕާޓީއަށް ވަނީ މުހިންމު ގޮނޑިއެއް ގެއްލިފައެވެ.
އިތުރު ދެ ރަށެއްގައި ބޭއްވުނު ބައި-އިލެކްޝަންތަކުގެ ނަތީޖާތަކަށް ބަލާއިރު، އެ ދެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. އެގޮތުން ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސާގެ ގޮނޑި އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް 278 ވޯޓުން ކާމިޔާބުކުރެއްވިއިރު، އެ ގޮނޑިއަށް ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޒައިނަޒް އަޙްމަދަށް ލިބިވަޑައިގަތީ 221 ވޯޓެވެ.
މީގެއިތުރުން ވ. ތިނަދޫ ޑަބްލިއުޑީސީގެ ހުސްވެފައިވާ ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަ ކެންޑިޑޭޓް ޒީނާ އަޙްމަދެވެ. އޭނާއަށް 76 ވޯޓު ލިބިވަޑައިގެންނެވިއިރު، އެ ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ރިޝްފާ ނަސީމަށް ލިބިވަޑައިގަތީ 53 ވޯޓެވެ.
މުޅި އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ވޯޓުލީ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވޯޓު ޕީއެންސީން ހޯދާފައިވުމަކީ ސަރުކާރަށް އޮތް ތާއީދު ހާމަވެގެންދާ ކަމެއްގެ ގޮތުގައި ޕީއެންސީގެ ސަޕޯޓަރުން ދަނީ ފާހަގަކުރަމުންނެވެ.










