ސަރުކާރުގެ ”މޯލްޑިވްސް 2.0“ ތަސައްވުރުގެ ދަށުން، ޑިޖިޓަލް ނިޒާމުތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައިގެން، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އޮންލައިން ޚިދުމަތްތައް އާ ހަރުފަތަކަށް ގެންގޮސްފިއެވެ. އެ ކުންފުނިން ވަނީ ޒަމާނީ ފީޗާތަކާ އެކު އަޕްގްރޭޑްކޮށްފައިވާ އާ ކަސްޓަމާ ސާވިސް އީ-ޕޯޓަލް ރަސްމީކޮށް ތައާރަފުކޮށްފައެވެ.
މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާ މި އާ ޕޯޓަލް ފަރުމާކޮށްފައިވަނީ ސަރުކާރުގެ ”ވަންގަވް“ އަދި ”އީފާސް“ ޕްލެޓްފޯމްތަކާ ގުޅާލެވިގެން، ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ލިބޭނެ ފަދަ ގޮތަކަށެވެ.
އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، މި ބަދަލާ އެކު ކަސްޓަމަރުންނަށް އަމިއްލަ ޕްރޮފައިލެއް ހަދައިގެން ރައްކާތެރިކަމާ އެކު ޚިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މި [އީ-ޕޯޓަލް](https://eportal.mwsc.com.mv/login) އަށް ލޮގިންވެވޭނީ އީފާސް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އާ ޕޯޓަލް ބޭނުންކުރާނެ ގޮތާއި ޚިދުމަތްތަކަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްސީލު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ޚާއްސަ ޓިއުޓޯރިއަލް ވީޑިއޯތަކެއް ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ޕޯޓަލްގެ ބޭނުން ހިފުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާވެއްޖެ ނަމަ ނުވަތަ އިތުރު މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކަސްޓަމާ ކެއާ ހޮޓްލައިން 1575 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އެމްޑަބްލިއުއެސްސީގެ މައިގަނޑު އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، ކަސްޓަމަރުންނަށް އަވަސް، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމެވެ.













