ފަތުރުވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކަކާއެކު، ދިވެހިރާއްޖެއިން ޗެކް ރިޕަބްލިކަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެޒިޑެންޓް ސަފީރު އާމިނަތު އަބްދުﷲ ދީދީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް ޕީޓާ ޕަވެލްއަށް ރަސްމީކޮށް އަރުވައިފި އެވެ.
މި ތާރީޚީ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގްގައި ހުންނަ ރިޔާސީ ގަނޑުވަރު ކަމަށްވާ ޕްރާގް ކާސްލްގަ އެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ޕަވެލްގެ އަރިހަށް ސަފީރު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ރައްޔިތުންގެ ނަންފުޅުގައި، ޗެކް ރިޕަބްލިކްގެ ރައީސަށާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރެއްވި އެވެ.
އަދި އެކަމަނާއަށް ޗެކް ސަރުކާރުން ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ހާއްސަ ޝުކުރެއް އަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލެއްވި އެވެ.
މީގެ އިތުރުން، ގާބިލުކަން އިތުރުކުރުމާއި ޒުވާނުން ބާރުވެރިކުރުވުން ފަދަ ދާއިރާތަކުން، ހާއްސަކޮށް ޒުވާނުންނަށް ފަންނީ ތަމްރީނުތައް ހޯދައިދިނުމުގައި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ސަފީރު އާމިނަތު އަބްދުﷲ ދީދީ ވަނީ ރައީސް ޕަވެލްއަށް ދެއްވާފަ އެވެ.
މި ބައްދަލުވުމުގައި ޗެކް ރިޕަބްލިކްގެ ރައީސް ޕީޓާ ޕަވެލް ވަނީ ސަފީރު އާމިނަތު އަބްދުﷲ ދީދީ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ.
އަދި ދިވެހިރާއްޖެއާއި ޗެކް ރިޕަބްލިކާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގައި ޗެކް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޕަވެލް ވަނީ ދެއްވާފަ އެވެ.
ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި ސަފީރު އާމިނަތު އަބްދުﷲ ދީދީގެ އަރިހުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑެސްކް އޮފިސަރު ހަދީޖާ އައުފިޔާއު ބައިވެރިވެވަޑައިގެންނެވި އެވެ.
ސަފީރު އާމިނަތު އަބްދުﷲ ދީދީއަކީ މީގެ ކުރިން 2019 އިން 2023 އަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލް ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ.













