އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވާއިރު، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑެތި އަތޮޅުތަކެއްގެ މެޖޯރިޓީ ވަނީ އޭނާ ތާއީދުކުރެއްވި ކެންޑިޑޭޓުން ހޯދާފައެވެ.
އެގޮތުން އައްޑޫ ސިޓީގެ އިތުރުން ގއ، ގދ، ލ، ފ، އަދި ނ. އަތޮޅުގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ފައްޔާޒު އެންޑޯސްކުރެއްވި ކެންޑިޑޭޓުންނެވެ.
އިއްޔެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔަ މި އިންތިޚާބުގެ ނަތީޖާތައް ޗެކްކޮށް، ރަސްމީކޮށް ފައިނަލް ކުރުމުގެ މަސައްކަތް އެމްޑީޕީން މިހާރު އަންނަނީ ކުރަމުންނެވެ.
މި އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ގުޅިވަޑައިގެންވެސް ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރުއްވާފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 252 ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި އެކި މަގާމުތަކަށް 1،612 ކެންޑިޑޭޓުން ވާދަކުރިއެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 359 މަގާމަކަށް މެންބަރުން އިންތިޚާބުކުރާއިރު، މީގެ ތެރެއިން 86 ކެންޑިޑޭޓަކު ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ. މީގެ އިތުރުން ޕާޓީގެ އެހެނިހެން މަގާމުތަކަށް 743 މެންބަރުން އިންތިޚާބުކުރާނެއެވެ.
އިންތިޚާބުކުރާ މަގާމުތަކުގެ ތެރޭގައި ކޮންމެ އަތޮޅަކާއި ސިޓީއަކުން ގައުމީ މަޖިލީހަށް ހޮވާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުންނާއި، ނައިބު ރައީސުންނާއި، ސެކްރެޓަރީންގެ އިތުރުން އަންހެން ސެކްރެޓަރީންނާއި ޒުވާނުންގެ ސެކްރެޓަރީން ހިމެނެއެވެ.
ހަމައެހެންމެ، އަންހެނުންގެ ރޫޙުގެ ރައީސާއި، އެ ގޮފިން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ ފަސް މެންބަރުންނާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އެ ގޮފިން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ ފަސް މެންބަރުންވެސް މި އިންތިޚާބުގައި ހޮވުމަށް ވަނީ ހަމަޖެހިފައެވެ.














