މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ނަމުގައި އެމެރިކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން މެކްސިކޯގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނަމުންދާ ކަމަށް މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝައިންބައުމް ވިދާޅުވެއްޖެއެވެ. އަދި އެމެރިކާގެ މަގުތަކަށް ގަވާއިދާ ޚިލާފަށް އެތައް މިލިއަން ފެންޓަނިލް ގުޅައެއް އެތެރެވުމަށް އެމެރިކާގެ އިދާރާތަކުން ފުރުޞަތު ދީފައިވާ ކަމަށްވެސް އެކަމަނާ ތުހުމަތު ކުރެއްވިއެވެ.
މި މައްސަލަ ހޫނުވެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ގޭންގުތައް ނުވަތަ ކާޓެލްތައް ހުއްޓުވުމަށްޓަކައި، ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ހިއްސާކުރެވޭނެ ޚާއްޞަ ފޯނު ލައިންތަކެއް މެކްސިކޯގައި ތައާރަފުކުރާނެކަން އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީ.އީ.އޭ) އިން އިޢުލާނުކުރުމާ ގުޅިގެންނެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލް މަހާ ދެމެދު، އެމެރިކާގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގައެއް ޓްރެކްކޮށް ހޯދުމުގެ ނަމުގައި، 1.4 މިލިއަން ވަގު ފެންޓަނިލް ގުޅަ އަތުނުލައި ދޫކޮށްލާފައިވާކަން ޑީ.އީ.އޭގެ މައުލޫމާތު ފަޅާއަރުވާލި ފަރާތްތަކުން މިދިޔަ ޖޫން މަހު ވަނީ ހާމަކޮށްފައެވެ.
މެކްސިކޯގެ ރައީސާ ޝައިންބައުމް ވަނީ އެމެރިކާގެ މި ޢަމަލު ސިފަކުރައްވާފައިވަނީ ”ފެންޓަނިލްއަށް ހިންގާ ފާސްޓް އެންޑް ފިއުރިއަސް“ އޮޕަރޭޝަނެއްގެ ގޮތުގައެވެ. އެކަމަނާ އެ އިޝާރާތް ކުރެއްވީ އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ވެރިކަމުގައި ހިންގި ސިޔާސީ ބޮޑު ސްކޭންޑަލަކަށެވެ. އެގޮތުން 2009 ވަނަ އަހަރުގެ ފަހުކޮޅުން 2011 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް، ކާޓެލްތަކުގެ އިސްވެރިން ހޯދުމުގެ ނަމުގައި އެމެރިކާގެ އިދާރާތަކުން ވަނީ ގާތްގަނޑަކަށް 2،000 ބަޑި ގަވާއިދާ ޚިލާފަށް މެކްސިކޯއަށް އެތެރެކުރުމަށް ފުރުޞަތު ދީފައެވެ. އަދި އޭގެ ތެރެއިން އެތައް ސަތޭކަ ހަތިޔާރެއް ފަހުން އެމެރިކާގެ ތެރެއިން ފެނިފައިވާއިރު، 2010 ވަނަ އަހަރު އެމެރިކާގެ ބޯޑާ ޕެޓްރޯލް އޭޖެންޓް ބްރަޔަން ޓެރީ މަރާލުމުގައި ބޭނުންކުރި ދެ ހަތިޔާރުވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ސީ.ބީ.އެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެކްސިކޯއިން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް އެމެރިކާއިން ވަނީ ތަކުރާރުކޮށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައެވެ.
މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުން މައިތިރިކުރުމުގެ ޤާބިލުކަން މެކްސިކޯގައި ނެތްކަމަށް ބުނެ، މެކްސިކޯއަށް އެމެރިކާ ސިފައިން ފޮނުވުމަށް ޓްރަމްޕްގެ ސަރުކާރުން އެއްފަހަރަކު ހުށަހެޅިއެވެ. ނަމަވެސް ރައީސާ ޝައިންބައުމް ވަނީ އެ ހުށަހެޅުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އެމެރިކާއާއެކު ގުޅިގެން މަސައްކަތް ކުރުމަށް މެކްސިކޯއިން އޮތީ ތައްޔާރަށް ނަމަވެސް، އެއީ އެމެރިކާގެ ދަށުވެގެން ކުރާނެ ކަމެއް ނޫންކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާގެ އެފް.ބީ.އައި އިން އެންމެ ބޮޑަށް ހޯދަމުންދާ 10 މީހުންގެ ލިސްޓުގައި ހިމެނޭ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ފައުސްޓޯ އިސިޑްރޯ މޭޒާ ފްލޯރެސް، މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މެކްސިކޯއިން ހައްޔަރުކުރި ނަމަވެސް، އޭނާ އެމެރިކާއާ ހަވާލުކުރުމަށް މެކްސިކޯއިން ވަނީ ކަނޑައެޅިގެން ދެކޮޅު ހަދާފައެވެ.
ހަމައެއާއެކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ދައުވާ އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އުފުލާފައިވާ ސިނަލޯއާގެ ގަވަރުނަރު ރުބެން ރޯޗާ މޯޔާ ހައްޔަރުކުރުމަށް އެމެރިކާއިން އެދުނު އެދުމަށްވެސް މެކްސިކޯއިން ވަނީ އިޖާބަދޭން ދެކޮޅު ހަދާފައެވެ.
މަސްރަޙު ދިރާސާކުރާ ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މަސްތުވާތަކެތީގެ ދައުވާތަކުގައި ބޭރު ޤައުމުތަކުގެ ރައްޔިތުންގެ މައްޗަށް ޝަރީޢަތް ހިންގުމާއި، މީހުން ވަގަށް ނެގުމާއި، ވެނެޒުއޭލާގައި ކަންކުރި ފަދައިން މަސްތުވާތަކެއްޗާ ހަނގުރާމަކުރުމުގެ ނަމުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން، ހެއިޓީއަށް އެލް ސަލްވަޑޯރުން ފޮނުވި ފަދައިން ސަރަޙައްދީ ބައިވެރިން މެދުވެރިކޮށް އަވަށްޓެރި ޤައުމުތަކަށް އަސްކަރީ ގޮތުން ވަދެގަތުމަށް ހިތްވަރުދީގެން އެމެރިކާއިން ދަނީ ލެޓިން އެމެރިކާގެ ޤައުމުތަކުގެ އިސްތިޤްލާލަށް އަރައިގަންނަމުންނެވެ.













