ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ސްކްރީންތަކުގެ ކަސްތޮޅުގައި ތާށިވުމުގެ ސަބަބުން މުޅި ޖީލެއް ގެއްލިގެންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެ، ޓީޗަރަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސީރިއަސް ކަންބޮޑުވުންތަކެއް ހިއްސާކުރައްވައިފިއެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ސީދާ ސަރުކާރަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ޓީޗަރު ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ދަރިވަރުންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ ސްކްރީންތަކުގެ މައްޗަށެވެ.
މި ކަމުގެ ސަބަބުން ކްލާސްރޫމުގައި ކިޔަވައިދޭ ވަގުތު ދަރިވަރުންގެ ފަރާތުން ލިބެންޖެހޭ ޒިންމާދާރުކަމާއި އެއްބާރުލުން ނުލިބޭ ކަމަށާއި، ކިޔަވައިދެވެނީ ”ހަތަރު ފާރަށް“ ކަމަށް އިހުސާސް ކުރެވޭ ފަހަރު އަންނަ ކަމަށް އެ ޓީޗަރު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ތަރައްޤީވެ ތަހުޒީބުވެފައިވާ ޤައުމުތަކުގައިވެސް ކުޑަކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގައިވެސް އެފަދަ ވިސްނުމެއް ގެންގުޅުއްވަންތޯ އެ ޓީޗަރު ވަނީ ރައީސާ ސުވާލުކުރައްވާފައެވެ.
މިހާރުގެ ޖީލު މި ނުރައްކަލުން ސަލާމަތް ނުކުރެވިއްޖެ ނަމަ، މުސްތަޤްބަލުގައި ޤައުމު ހިންގަން ހަވާލުކުރާނީ ކޮން ބަޔަކާތޯ ސުވާލު އުފައްދަވައި، ސޯޝަލް މީޑިއާ އެއްކޮށް މަނާ ނުކުރި ނަމަވެސް، ދަރިންގެ މުސްތަޤްބަލަށްޓަކައި ވަކި ލިމިޓޭޝަންތަކެއް ނުވަތަ ހުދޫދުތަކެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެ ޓީޗަރު ފާހަގަކުރެއްވިއެވެ.
ޓީޗަރުގެ މި ވާހަކަތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ވަކި އުޞޫލުތަކެއް ކަނޑައެޅުމަކީ ކުރިއަށް ގެންދަވާނެ މުހިންމު ވިސްނުމެއް ނުވަތަ މަޢުޟޫޢެއް ކަމަށެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި އެ ޓީޗަރު ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން (SEN) ޓީޗަރުންނަށް ދިމާވެފައިވާ ދަތިތަކާއި އުދާސްތައްވެސް ރައީސާ ހިއްސާކުރައްވާފައެވެ.
އެގޮތުން، މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު އެއްވެސް އެންގުމަކާ ނުލައި ސެން ޓީޗަރުންނަށް ކުރިން ދެމުން އައި ރިސްކް އެލަވަންސް ކަނޑާލާފައިވާ މައްސަލައާއި، އެކަމަށް އަދިވެސް އެކަށީގެންވާ ޙައްލެއް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ރައީސަށް ހުށަހަޅުއްވާފައެވެ.
ސެން ޓީޗަރުންގެ މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެ މައްސަލަތައް ސަރުކާރުން ބައްލަވައިދެއްވައި، އެކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރައީސް އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމަކީ އެކި ދާއިރާތަކުގެ ފަންނީ މީހުންނާއި އާންމު ރައްޔިތުންގެ ޚިޔާލާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށް ހުޅުވާލާފައިވާ ޚާއްޞަ މަންސައެކެވެ.














