މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، މާފަންނު ދެކުނު ދާއިރާގެ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއް ފެންމަތިވެ އެ ދާއިރާގެ ވޯޓު ފޮށި ބަންދުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށް، ޒުވާނުންގެ ލިސްޓުގައި ނުހިމެނޭ ބަޔަކު ވޯޓުލީ މައްސަލައިގައި އެ ފޮށި މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އޭގެ ފަހުން އައު ވޯޓު ފޮށްޓެއް ބަހައްޓައިގެން އަލުން ވޯޓުލުމުގެ ކަންކަން ވަނީ ފަށައިފައެވެ. ނަމަވެސް، މައްސަލަ ޖެހިގެން ބަންދުކުރި ފުރަތަމަ ވޯޓު ފޮށްޓާމެދު ޢަމަލުކުރާނެ ވަކި ގޮތެއް އެމްޑީޕީން މިހާތަނަށް ނިންމާފައެއް ނުވެއެވެ.
މިއަދު ކުރިއަށްދާ މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި ގިނަ ޢަދަދެއްގެ މެންބަރުން ވޯޓުލާ މަރުކަޒުތަކަށް ނުކުމެފައިވާކަން ފާހަގަކުރެވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެމްޑީޕީގެ ދަފްތަރުގައި 53,000 އަށްވުރެ ގިނަ މެންބަރުން މިހާރުވެސް އެބަތިއްބެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ އެކި ފަންތީގެ ޖުމްލަ 1،102 މަޤާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ބޮޑު އިންތިޚާބެކެވެ. މީގެ ތެރޭގައި ޤައުމީ މަޖިލީހުގެ މެންބަރުންނާއި، ރަށްރަށުގެ ދާއިރާތަކުގެ ނައިބު ރައީސުންނާއި، އަންހެނުންގެ ސެކްރެޓަރީން އަދި ޒުވާނުންގެ ސެކްރެޓަރީން ހޮވުން ހިމެނެއެވެ.
މީގެ އިތުރުން، އެ ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ޤައުމީ މަޖިލީހުގެ 359 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، އެ މަޤާމުތަކަށް 774 މީހުން ވާދަކުރެއެވެ. މީގެ ތެރޭގައި 112 އަންހެނުން ހިމެނެއެވެ.
މުޅި އިންތިޚާބުގައި އެކި މަޤާމުތަކަށް 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، އޭގެ ތެރޭގައި 368 އަންހެނުން ހިމެނޭ ކަމަށް އެ ޕާޓީން މަޢުލޫމާތުދެއެވެ. އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.














