ހެޔޮ އަގުގައި ސައިކަލު ފޯރުކޮށްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ދައުލަތުން 139 ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ 26 ނޮވެންބަރު 2026 ގައެވެ. ދައުވާ ލިބެނީ ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ.
2023 ވަނަ އަހަރުން ފެށިގެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުރެ، އަގުހެޔޮކޮށް ސައިކަލު ވިއްކާނެ ކަމަށް ދައްކައިގެން އޭނާ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
ނަމަވެސް، ސައިކަލުތައް ގެނެސްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށްފައިވާ ކަމަށާއި، ސައިކަލު ވެސް އަދި ފައިސާ ވެސް އަނބުރާ ދީފައި ނުވާ ކަމަށް ދައުލަތުން ބުނެއެވެ.
ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކިން ދައުވާގެ ގޮތުގައި ހުށަހަޅާފައިވާތީ، ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޖަލު އަދަބުގެ އިތުރުން، ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި ޖުމްލަ 6,250,420.12 ރުފިޔާ ނަގައިދިނުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލައިގައި ގެއްލުން ލިބުނު އިތުރު 11 މީހެއްގެ ބައި އިތުރަށް ތަޙުޤީޤުކުރުމަށް ފުލުހުންނަށް ލަފާދީފައިވާ ކަމަށާއި، އެ ތަޙުޤީޤުތައް ނިމުމުން އިތުރު ދައުވާތައް އުފުލުމާ މެދު ވަކިން ގޮތެއް ނިންމާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.














