މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެ، ސަރަޙައްދުގެ އެކި ގައުމުތަކަށް ހަމަލާތައް އަމާޒުވަމުންދާ މިދަނޑިވަޅުގައި، ކުވައިތުގައި ހިނގައިދިޔަ މަރުގެ ހާދިސާއަކީ ޝައްކު އުފެދޭ އަދި ހަނގުރާމައަކަށް މަގުފަހިކުރުމަށް ކުރިންސުރެ ރާވާފައިވާ ކަމެއް ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ.
އަރަޤްޗީ މިހެން ވިދާޅުވެފައިވަނީ، ކުވައިތުގެ މުހިންމު ތަނަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ކަމަށް ބުނާ ޑްރޯންތަކެއް ވައްޓާލަން އުޅުމުގެ ތެރޭގައި ވެއްޓުނު ބައިތަކަކުން ޖެހި، އިޓަލީގެ ދެ މީހަކު މަރުވެފައިވާ ކަމަށް ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރުމާ ގުޅިގެންނެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއަށް ”ކާމިޔާބީ އަތުޖެހިއްޖެ“ ކަމަށެވެ. އަދި އިތުރު ފުރާނަތަކެއް ގެއްލިގެން ދިޔުން ހުއްޓުވުމަށްޓަކައި، އެއްބަސްވުމަކަށް އައުމަށް ވާހަކަދެއްކުމުގެ ފުރުސަތު ތެހެރާނަށް އަދިވެސް އެބައޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ސައުދީ އަރަބިއްޔާގެ ޖާޒާން ސަރަޙައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި ނޭޕާލްގެ މަސައްކަތްތެރިއަކު މަރުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މި ހަމަލާގެ ސަބަބުން ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ކާރުޚާނާގެ މަސައްކަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލަން ޖެހިފައެވެ.
އަނެއްކޮޅުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް އިތުރަށް ވަރުގަދަކޮށް، އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިއުމަށް އަންގާ އާ އިންޒާރުތަކެއް ނެރެފައެވެ. މިގޮތުން، ޣައްޒާ ސިޓީގެ އިރުމަތީގައިވާ ތުއްފާހު އަވަށުގެ އަސް-ސިއްކާ މަގާއި ސްނާފޫރު ކަންމަތީގައި ދިރިއުޅޭ ރައްޔިތުން، ”ޔެލޯ ލައިން“ ގެ ހުޅަނގަށް ވަގުތުން ފައިބައިގެން ދިއުމަށް އިސްރާއީލު ސިފައިން ވަނީ އަމުރުކޮށްފައެވެ.
މި ހާދިސާތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ ނުހަނު ބޮޑަށް ހޫނުވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމުގެ ތެރޭގައެވެ.














