މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، އައްޑޫ ސިޓީ ހުޅުދޫގައި އެ ކުންފުނީގެ މަސްފިހާރައެއް ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ ރާއްޖޭގެ އެކި ހިސާބުތަކަށް މިފްކޯގެ އުފެއްދުންތައް ހެޔޮ އަގުގައި ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ތިންވަނަ މަސްފިހާރައެވެ. އަދި މިއީ މުޅި ރާއްޖޭގައި ހުޅުވުނު މިފްކޯގެ 8 ވަނަ ފިހާރައެވެ. މީގެ ކުރިން މިއަހަރު ތެރޭގައި އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލައް ސިޓީގައި ވެސް މިފްކޯގެ ފިހާރަތައް ވަނީ ހުޅުވާފައެވެ. މީގެ އިތުރުން މާލޭގައި ދެ ފިހާރަ އަދި ހުޅުމާލޭގައި ތިން ފިހާރަ މެދުވެރިކޮށް މިފްކޯގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ.
ހުޅުދޫގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ މުޙައްމަދު އަނަސް އާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުޙައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި ހުޅުދޫ އަދި މީދޫގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، ހުޅުދޫގައި މަސްފިހާރައެއް ހުޅުވުމަށް ނިންމީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށް ކަމަށެވެ. އެގޮތުން ބަނދަރު ސަރަހައްދުގައި ހިންގަމުންދާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއާ ރައްޔިތުން ދިރިއުޅޭ އަވަށާ ދުރުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ރަށު ތެރެއިން ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައްޔިތުން ބޭނުންވި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”މިއަދު އަޅުގަނޑުމެން މި އިޖާބަދެނީ ރައްޔިތުންގެ އެ އެދުމަށް. އެގޮތުން، ބަނދަރުގައި ހުރި ފިހާރަ މަސްވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްސަކޮށް، ރަށުގެ އާންމު ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު މިފްކޯގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މި ހުޅުވުނު ފިހާރައަކީ، ރައްޔިތުންގެ އެދުމަށް ދެވުނު އަމަލީ ޖަވާބެއް ކަމުގައި ދެކެން،“ އަނަސް ވިދާޅުވިއެވެ.
ހަމައެކަނި ފިހާރައެއް ހުޅުވުމަކުން މިފްކޯގެ މަސައްކަތް ނިމުނީ ނޫންކަން ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ، މި ފިހާރަތަކުން މެދުނުކެނޑި މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުންފުނީގެ މެނޭޖްމަންޓުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ މަސްފިހާރަތަކަށް ބޭނުންވާ ތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އައްޑޫގައި ’ލޯކަލް ޕްރޮޑަކްޝަން ހައުސް‘ އެއް ގާއިމުކުރުމުގެ މަސައްކަތް ރޭވި، ކުރިއަށްދާކަން ވެސް އޭނާ އިއުލާން ކުރެއްވިއެވެ. މި ޕްރޮޑަކްޝަން ހައުސްގެ ސަބަބުން ސަރަހައްދުގެ އިގްތިސާދަށް އިތުރު ދިރުމެއް ލިބި، ވަޒީފާގެ އައު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުދޫއަކީ ހެދިކާ ހެދުން ފަދަ އަމިއްލަ އިގްތިސާދީ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށް ވުމާއެކު، ރޭ ހުޅުވުނު މި ފިހާރައިން އެފަދަ މަސައްކަތްތަކަށް ބޭނުންވާ މަހުގެ އެކި ބާވަތްތަކާއި މިފްކޯގެ އެންމެހައި އުފެއްދުންތައް ހެޔޮ އަގުގައި ފަސޭހައިން ލިބެން ހުންނާނެއެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ވިޔަފާރި ފުޅާކުރުމާއެކު އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތައް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުން ކަމަށެވެ.












