ކުރިޔަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރު ފަހު 16:30 ގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ، ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް މިދުވަސްވަރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރުވެސް، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
Alert white for heavy rain and thunderstorms. pic.twitter.com/YjOdP9GpKy
— Maldives Meteorology (@MetMaldives) November 27, 2026
އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވި ނަމަވެސް، ދެކުނުގެ ހިސާބުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.
އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.














