ޣައްޒާގެ އުތުރަށާއި ޣައްޒާ ސިޓީއަށް އަމާޒުކޮށް އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ދިން ވައިގެ ވަކިވަކި ދެ ހަމަލާއެއްގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އަނިޔާވެއްޖެއެވެ. މިކަން ޣައްޒާގެ މެޑިކަލް މަސްދަރުތަކާ ހަވާލާދީ ބައިނަލްއަޤްވާމީ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ އިސްރާއީލުގެ ޑްރޯނަކުން އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕަށެވެ. އަދި ދެވަނަ ހަމަލާ ދީފައިވަނީ ހުޅަނގު ޣައްޒާ ސިޓީގެ ރިމާލް އަވަށުގައި މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށެވެ.
ޣައްޒާގެ އެމްބިއުލާންސް އަދި ކުއްލި ފަރުވާއާ ބެހޭ ޚިދުމަތްތަކުންނާއި އަލްޝިފާ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަނިޔާވެރި ހަމަލާތަކުގައި އާންމުންގެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.














