މުޖުތަމަޢުގައި ފެތުރެމުންދާ ފާޙިޝު ޢަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޖިންސީ ގޮތުން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ޝިކާރައަކަށްވެ މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު މިއަދުގެ ހުކުރު ޚުޠުބާގައި ދީފިއެވެ.
”ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!“ މި މަޢުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޗްއައިވީ ވައިރަހާއި އެއިޑްސް ބައްޔާއި، ލެޔާއި ހަށިގަނޑުގެ ދިޔައިގެ ޒަރީޢާއިން ފުރަމެޔަށް ޖެހޭ ނުރައްކާތެރި ބަލިތައް އެންމެ ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ ޒުވާނުންގެ މެދުގައެވެ. އަދި ބަޔަކު މީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ފާޅުކަން ބޮޑު ގޮތެއްގައި އާންމުވެއްޖެނަމަ، އިހުގެ ކާބަފައިން ނުދެކޭ ފަދަ ވޭންދެނިވި ބަލިތައް ފެތުރޭނެ ކަމަށް ކީރިތި ރަސޫލާ z ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންނާއި ދަޢުލަތުގެ އެކިއެކި މުއައްސަސާތަކުގެ މަސްއޫލުވެރިން ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ. ވަކިން ޚާއްޞަކޮށް، މިއަދު އެކިއެކި މަންސަތަކުގައި އަގުތައް އިޢުލާނުކޮށްގެން ވިޔަފާރީގެ އުޞޫލުން ފާޅުގައި ފާޙިޝު ޢަމަލުތައް ހިންގާ މީހުން ގިނަވަމުންދާތީ އެކަމާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ފާހަގަކުރިއެވެ.
މީގެއިތުރުން، އިސްލާމްދީނުގައި ފާޙިޝު ޢަމަލުތަކުގެ ގޮތުގައި ބެލެވޭ ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުމަކީ ބޮޑެތި ފާފަތަކެއް ކަމަށާއި، ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އެފަދަ ޢަމަލުތައް ކުރުމާއި މުޖުތަމަޢުގައި ފެތުރުމަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމެއްކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި މިފަދަ ނުބައި ޢަމަލުތަކުގެ ސަބަބުން އިހުގެ ޤައުމުތަކަށް މާތް ﷲ ފޮނުއްވެވި ގަދަފަދަ ޢަޛާބުތަކުން ޢިބުރަތް ލިބިގަތުމަށް ނަޞޭޙަތްތެރިވިއެވެ.
އިންސާނާގެ ޠަބީޢީ އެދުންތަކަށް އިޖާބަދިނުމުގައި އިސްލާމްދީން ހުއްދަކުރައްވާފައިވާ ޙަލާލު މަގު އިޚުތިޔާރުކުރުމަށް ބާރުއަޅަމުން ޚުޠުބާގައި ބުނީ، ކުޅަދާނަކަން ހުރި މީހުން ކައިވެނިކުރުމަށާއި، ތަނަވަސްކަން ނެތް ޒުވާނުންނަށް ކައިވެނިކުރުމަށް މުޖުތަމަޢުގެ ތަނަވަސް މީހުން އެހީތެރިވާންޖެހޭ ކަމަށެވެ. އަދި ކައިވެނި ކުރުމުގެ ކުޅަދާނަކަން ނެތް ފަރާތްތަކުން ރޯދަހިފައި، ނަފުސުގެ އެދުންތަކުން ރައްކާތެރިވެ ތިބުމަށް ކީރިތި ރަސޫލާ z ދެއްވާފައިވާ އިރުޝާދު ވެސް ބަޔާންކުރިއެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމުގައި އިސްލާމީ ޝަރީޢަތުގެ އިންތަކަށް ތަބާވެ، މާތް ﷲ އަށް ބިރުވެތިވުމަށާއި، ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ސާބިތުވެ ތިބުމަށް އެންމެހައި މުސްލިމުންނަށް ގޮވާލާފައެވެ.













