Saturday, 28 November 2026

Ads by

ފުއްޕާމޭގެ ކެންސަރު – ނުރައްކަލާއި، އަލާމާތްތައް އަދި ރައްކާތެރިކަން

ތަޢާރަފު

ފުއްޕާމެޔަކީ އިންސާނާ ނޭވާލާއިރު ހަށިގަނޑަށް އެތެރެވާ އޮކްސިޖަން ލޭގެ ތެރެއަށް ފޯރުކޮށްދީ، ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާއެއް ކަމަށްވާ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރުކޮށްދިނުމުގެ މުހިންމު މަސައްކަތްކުރާ މައި ގުނަވަނެކެވެ. ފުއްޕާމެޔަށް ކެންސަރު ޖެހިއްޖެނަމަ، ފުއްޕާމޭގެ ގަވާއިދުން ކުރާ މަސައްކަތްތައް ހުއްޓުމަކަށް އާދެއެވެ. އަދި މި ބަލީގެ ސެލްތައް ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރިގެންދެއެވެ. މިގޮތުން ހަށިގަނޑުގައިވާ ލިމްފް ގޮށްތަކަށާއި، ސިކުނޑި ފަދަ ނާޒުކު ގުނަވަންތަކަށް މި ކެންސަރު ފެތުރިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ފުއްޕާމޭގެ ކެންސަރުގެ ބާވަތްތަކާއި އުފެދޭ ގޮތް

މައިގަނޑު ގޮތެއްގައި ފުއްޕާމޭގައި އުފެދެނީ ދެ ބާވަތެއްގެ ކެންސަރެކެވެ. އެއީ ފުއްޕާމޭގެ ކުދި ސެލްތަކުން އުފެދޭ ކެންސަރު (Small Cell Lung Cancer) އަދި ކުދި ސެލް ނޫން އެހެން ސެލްތަކުން އުފެދޭ ކެންސަރު (Non-Small Cell Lung Cancer) އެވެ. މި ދެބައި ވަކިކޮށް ދެނެގަނެވެނީ ލެބޯޓްރީގައި މައިކްރޮސްކޯޕެއްގެ އެހީގައެވެ. މީގެތެރެއިން އެންމެ އާންމުކޮށް ފެންނަނީ ކުދި ނޫން ސެލްތަކުގެ ކެންސަރެވެ. މި ބާވަތުގެ ކެންސަރު އުފެދި ފެތުރެނީ އާންމުކޮށް ލަސް ދުވެއްޔެއްގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ގިނައިން ޖެހެނީ ކުދި ސެލްތަކުގެ ކެންސަރެވެ.

މި ކޮންމެ ބާވަތެއްވެސް އުފެދި ފެތުރެނީ އެކި ގޮތްގޮތަށެވެ. އެހެންކަމުން ބައްޔަށް ފަރުވާ ކުރުމުގައި މި ތަފާތުތައް ދެނެގަތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނޭވާހިނގާ ހޮޅީގެ ތެރޭގައި ކެންސަރު އުފެދިއްޖެނަމަ، ނޭވާލާން ދަތިވެ ހޮޅި ބެދޭގޮތް ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި ކުރެވޭ ތަހުލީލުތަކުން ބަލި އަވަހަށް ދެނެގަނެވެއެވެ. ނަމަވެސް ނޭވާހިނގާ ހޮޅިޔާ ދުރުގައި ކެންސަރު އުފެދިއްޖެނަމަ މާއަވަހަކަށް އުނދަގޫތަކެއް ނުފެނިދާނެއެވެ. މި ބައްޔަކީ ހަލުވިކަމާއެކު ފެތުރޭ އެއްޗަކަށްވުމުން، އުނދަގޫތައް އިހުސާސްވާން ފަށާއިރު އޮންނަނީ ފުއްޕާމޭގެ ބޮޑުބަޔަކަށް ބަލި ފެތުރިފައެވެ. އަދި ފުއްޕާމޭގެ ބޭރު ދުލިފަށަށް އަސަރުކޮށް، ފެންހެދޭ ގޮތްވެސް ދިމާވެއެވެ. ބައެއް ފަހަރު ހަށިގަނޑުގެ އެހެން ތަނެއްގައި އުފެދޭ ކެންސަރު ފުއްޕާމެޔަށް ދަތުރުކުރާއިރު، އަނެއްބައި ފަހަރު ކެންސަރު ފުރަތަމަވެސް އުފެދެނީ ފުއްޕާމޭގައެވެ.

 

ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތައް

ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި:

ދުންފަތުގެ އިސްތިއުމާލުކުރުން: ބިޑި، ސުއްޓާ، ސިގިރޭޓް، އަދި ގުޑުގުޑާ ބުއިމަކީ މައިގަނޑު ސަބަބެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހަކަށް މި ބަލި ޖެހުމުގެ ފުރުސަތު އެކަން ނުކުރާ މީހަކަށްވުރެ 15 އިން 30 ގުނަ އިތުރެވެ. ދޭތެރެ ދޭތެރެއިން ބުއި ނަމަވެސް މި ނުރައްކާ އޮވެއެވެ. ސިގިރޭޓް ބުއިން ހުއްޓާލާތާ އާދައިގެ ހާލަތަކަށް ފުއްޕާމޭ ރުޖޫއަވަނީ ގާތްގަނޑަކަށް 15 އަހަރު ފަހުންނެވެ.

  • ދުންފަތުގެ ދުމަށް ހުށަހެޅުން: ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ބޭރުކުރާ ދުމުގެ އަސަރު ކުރުމަކީވެސް ފުއްޕާމޭގެ ކެންސަރަށް މަގުފަހިވާ ކަމެކެވެ.
  • ނުރައްކާތެރި މާއްދާތަކަށް ހުށަހެޅުން: ސިމެންތި ޓިނުގައި އެކުލެވޭ ކުޑިތައް، އެސްބެސްޓޯސް، އަދި ވިހާރަކަ (އާސެނިކް) ފަދަ ތަކެތި ފުއްޕާމެޔަށް އެތެރެވުން.
  • ވިހަ ގޭހުގެ އަސަރު: ގަލާއި ހިރަފުހުގައި އެކުލެވޭ، ކުލައެއް ވަހެއް ނުހުންނަ ’ރޭޑަން‘ ފަދަ ގޭސްތަކަށް ހުށަހެޅޭ މާހައުލުތަކުގައި ދިރިއުޅުން.
  • އާއިލީ ހިރާސް: އާއިލާގެ މެންބަރަކަށް ފުއްޕާމޭގެ ކެންސަރު ޖެހިފައިވުން.
  • ކުރިން ދެވިފައިވާ ފަރުވާ: މީގެ ކުރިން ރޭޑިއޭޝަން ތެރަޕީގެ ފަރުވާއެއް ހޯދާފައިވުން.

 

ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް

މި ބަލީގެ އަލާމާތްތައް ދެބަޔަކަށް ބަހާލެވެއެވެ.

އާންމު އަލާމާތްތައް:

  • 2 ނުވަތަ 3 ހަފްތާ ވާއިރުވެސް ރަނގަޅުނުވެ ދިގުލައިގެންދާ ކެއްސުން އަދި ދުވަސްވާވަރަކަށް ކެއްސުން ބޮޑުވުން.
  • ކެއްސާއިރު އަރިދަފުސް އައުމާއި، އަދި އޭގައި ލޭ ހުރުން.
  • ކެއްސާއިރު މެޔަށް ތަދުވުމާއި، ގިނަގިނައިން މޭގައި ރޯގާ އަދި އަރިދަފުސް ހިފުން.
  • އެއްވެސް ސަބަބަކާ ނުލައި މާބޮޑަށް ނޭވާކުރުވުން، ވަރުބަލިވެ ވަރުދެރަވުން، އަދި ބަރުދަން ލުއިވުން.
  • މޭގައި، ބުރަކަށީގައި، އަތުގައި ނުވަތަ ކޮނޑުގައި މެދުކެނޑުމެއްނެތި ރިއްސުން.
  • ކާހިތްނުވުމާއި ނޭވާލާއިރު ތޫލި އަޑެއް ހުރުން.

 

މާ އާންމު ނޫން އަލާމާތްތައް:

  • އިނގިލިތަކުގެ ސިފައަށް ބަދަލުއައުން (މިސާލަކަށް އިނގިލީގެ ކޮޅުތައް ލެނބުން ނުވަތަ ބޮޑެތިވުން).
  • ގިނަގިނައިން ހުންއައުން، ކާތަކެތި ދިރުވަން އުނދަގޫވުން އަދި ދިރުވާއިރު ތަދުވުން.
  • އަޑު ކުރަކިވުމާއި، މޫނުމަތި ދުޅަވުން.
  • މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

ބައްޔަށް ދެވޭ ފަރުވާ

ފުއްޕާމޭގެ ކެންސަރަށް ފަރުވާ ދިނުމުގައި ބަލަނީ ބަލި ފެތުރިފައިވާ މިންވަރަށެވެ. މައިގަނޑު ގޮތެއްގައި ދެވެނީ ތިން ބާވަތެއްގެ ފަރުވާއެކެވެ. އެއީ އޮޕަރޭޝަން ކުރުން، ރޭޑިއޭޝަން ދިނުން، އަދި ކީމޯތެރަޕީ ދިނުމެވެ. ބަލި ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ އޮޕަރޭޝަންކޮށްގެން ބަލީގެ އަސަރު ހުރި ބައި ވަކިކުރެވިދާނެއެވެ. ނަމަވެސް މިއީ އަބަދު ކާމިޔާބުވާ ކަމެއް ނޫނެވެ. ސަބަބަކީ ފުއްޕާމެޔަކީ ގިނަ އަދަދަކަށް ލޭ ދައުރުވާ ގުނަވަނަކަށްވާތީ، ކެންސަރު ސެލްތައް ފަސޭހައިން ދަތުރުކުރާތީއެވެ. ގިނަފަހަރަށް މި ބަލި ދެނެގަނެވެނީ ވަރަށް ބޮޑުވަރުވާ ފަހުންނެވެ.

ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމީ ދުންފަތުގެ އިސްތިއުމާލުކުރުމުން އެއްކޮށް ދުރުހެލިވުމެވެ. އަދި ދުންފަތުގެ ދުމުން ރައްކާތެރިވުމާއި، މަސައްކަތުގެ މާހައުލުގައި އެކި ކަހަލަ ވިހަ މާއްދާތަކާއި ކުނިބުންޏަށް ހުށަނޭޅޭނޭހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް (މާސްކު ފަދަ ތަކެތި ބޭނުންކުރުން) އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.

 

މައުލޫމާތު ނެގި މަސްދަރުތައް:

ޞިއްޙަތު ބްލޮގް

ކެންސަރު ދެނެގަންނާނީ ކިހިނެއް؟ – މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ (2005)
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ މައުލޫމާތު ފްލެޔަރ
ކެންސަރ – ފުރާނައަށް ނުރައްކާތެރި ބައްޔެއް – ޔާސިރު ޞޯލިހް

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް