ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރަމުންދާ ބިދޭސީން ބަލައިފާސްކުރުމަށް ހިންގަމުންދާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކުފޯހުން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 6:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ކ. ހުރާގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ޖުމްލަ 341 ބިދޭސީއަކު ވަނީ ބަލައިފާސްކޮށްފައެވެ. އަދި އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު 43 މީހަކު ވަނީ
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކުފޯހުން އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ކ. ހުރާގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަނުގައި 341 މީހަކު ބަލައިފާސްކޮށް، އޭގެ ތެރެއިން 43 މީހަކު ވަނީ… pic.twitter.com/Bd8FtZ9vvq
— Maldives Immigration (@ImmigrationMV) November 25, 2026
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ޓާސްކުފޯހުން ދަނީ ސިލްސިލާކޮށް މިފަދަ އިންސްޕެކްޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.














