އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި އިމާރާތް ކުރަމުންދާ ތަނެއްގައި ޖަހާފައި ހުރި ޓިނު ބިއްގަނޑެއް މިއަދު ހަވީރު ވެއްޓި، އެ ސަރަހައްދުން ދަތުރުކުރި މީހަކަށާއި ޕާކުކޮށްފައި ހުރި އުޅަނދުތަކަކަށް ގެއްލުން ލިބިއްޖެއެވެ.
މިއަދު ހަވީރު 5:06 ހާއިރު ހިނގި މި ހާދިސާގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާގައި ބައެއް މީހުންނަށް ކުދި އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގައި އަނިޔާ ލިބުނީ ޖުމްލަ ކިތައް މީހުންނަށް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އިމާރާތުން ވެއްޓުނު ޓިނުގަނޑު ޖެހި އެ ވަގުތު މަގުމަތިން ސައިކަލު ދުއްވާފައި ދިޔަ މީހަކަށް ވަނީ އަނިޔާވެފައެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކެއްގެ މައްޗަށް އެ ޓިނުގަނޑު ވެއްޓި، އެ އުޅަނދުތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.














