ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ބައެއް ކޮމިޓީތަކުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ މެންބަރުންނަށް ބަދަލުތަކެއް ގެނެސް، އެކަން މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހާމަކުރެއްވި ގޮތުގައި މި ބަދަލުތައް ގެނެސްފައިވަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.
މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ޕީއެންސީގެ ފަރާތުން ހިމެނިވަޑައިގެންނެވި ށ. ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙުގެ ބަދަލުގައި، އެ ކޮމިޓީއަށް ގއ. ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒު ވަނީ ހަމަޖައްސަވާފައެވެ.
މީގެ އިތުރުން، ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ސ. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤުގެ ބަދަލުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ. އަދި ހަމައެހެންމެ، އެ ކޮމިޓީގައި އިންނެވި ގދ. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީގެ ބަދަލުގައި އދ. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ހަމަޖެއްސެވިކަން ވެސް ރިޔާސަތުން ވަނީ އިޢުލާނުކުރައްވާފައެވެ.
މަޖިލީހުގެ ޤަވާޢިދު ބަޔާންކުރާ ގޮތުގެ މަތިން، ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ނިސްބަތަށް ބަލައި މެންބަރުން ބަދަލުކުރުމުގެ އިޚްތިޔާރު ކަމާގުޅޭ ޕާޓީތަކަށް ލިބިގެންވެއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމެވި ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.













