ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިންމަވާފައިވަނީ މަޝްވަރާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
އިބޫ ޞާލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ”ޓީމު އެމްޑީޕީ“ ގެ ނަމުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އާދިއްތަ ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ކަމަށާއި، އޭގެ ފަހުން ދެން އޮންނާނީ ރިޔާސީ ޕްރައިމަރީ ކަމަށެވެ. އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ނަސީމް މިހާރު އިއުލާނު ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން އަމިއްލަފުޅު ވިސްނުންފުޅު ހާމަކުރައްވަމުން އިބޫ ޞާލިޙް ވިދާޅުވީ، އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ނުކުރައްވާ ކަމަށެވެ.
”ފައިސަލް ކުރިމަތިލައްވަން އެ އޮތީ ނިންމަވާފަ. އަޅުގަނޑު ކުރިމަތިލާކަށް އިއުލާނެއް ނުކުރަން. އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން މިތާ މިތިބީ. ވަކިން ވެސް އެބައުޅޭ އަޅުގަނޑު ތާއީދުކުރާ ކެންޑިޑޭޓުން. އަޅުގަނޑާ މަޝްވަރާކޮށްފަ ކުރިމަތިލާފަ އެތިބީ. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލީ،“ އިބޫ ޞާލިޙް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން، އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދެވެ.
އެހެންނަމަވެސް އެ ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މިވަގުތު ހުންނެވީ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ހުޅުމާލޭގައި ބޭއްވި އެމްޑީޕީގެ މި ބައްދަލުވުމުގައި ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި، ޤައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އެވެ. ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އެމްޑީޕީގެ ތެރޭގައި ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް މިހާރު ދަނީ ބާރަށް ހިންގަމުންނެވެ.














