އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް އުނިއިތުރު ގެނެވެން އޮތީ އެކަމާ ގުޅުންހުރި މުއައްސަސާތަކުގެ ފަންނީ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ކޮމިޓީ މަރުޙަލާގައި މެންބަރުން ބޭނުންވާހާ ގޮތަކަށް ބަޖެޓު ކޮށައި، ކުޑަކޮށް ނުވަތަ ބޮޑުކުރުމުގެ ފުރުޞަތު ނޯންނާނެ ކަމަށެވެ.
ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތް ސާފުކޮށްދެއްވަމުން މެންބަރު ވިދާޅުވީ، ބަޖެޓު ދިރާސާކުރުމުގައި އެންމެ އިސްކަމެއް ދިނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ކަމާބެހޭ އެހެނިހެން ފަރާތްތައް ހާޒިރުކޮށް މަޝްވަރާކުރުމަށް ކަމަށެވެ. އަދި ބަޖެޓަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ނަމަ އެކަން ކުރާނީ އެ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަޖެޓު ކޮމިޓީގެ ހުރިހާ ބައްދަލުވުންތަކެއް އާންމުންނަށް ފެންނާނެހެން ލައިވްކޮށް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ހާޒިރުކުރެވުނު ފަރާތްތަކާ ސުވާލުކޮށް ކަންކަން އޮޅުންފިލުވުމުގެ ފުރިހަމަ ފުރުޞަތު މެންބަރުންނަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ފުރުޞަތުގެ ބޭނުން ނުހިއްޕަވައި، ތަޅުމުގައި ސިޔާސީ ބަހުސެއް އުފައްދަވައިގެން ހުރިހާ ކަމެއް ގޯސްކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބަޖެޓު ފޮތުގެ ހަމައެކަނި ވަކި ބަޔަކަށް ބެއްލެވުމަށްފަހު ބައެއް މެންބަރުން ވާހަކަދައްކަވާތީ ޝާހިދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނާ ސީދާ ގުޅުންހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ތަފްޞީލު ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި، އެގޮތުން ހުޅުދޫ އަދި މީދޫގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޒަމާނީ ހޮސްޕިޓަލްގެ މަސައްކަތްތައް ވެސް ބަޖެޓުގެ ތެރެއިން ކުރިއަށްދާ ކަމަށެވެ.













