ދައުލަތުގެ މާލީ ކަންކަން ހަރުދަނާވެ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހި މި އަހަރު ނިންމާލެވުމަކީ ފަހުގެ ތާރީޚުގައި ފެނުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން އަލީ މޫސާ ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގެ އެކި ބައިތަކަށް ރަނގަޅަށް ދިރާސާކޮށް ބަލާއިރު ފެންނަނީ ކުރީ އަހަރުތަކާ މުޅިން ޚިލާފަށް އިތުރު ބަޖެޓެއް ފާސްކުރުމަކާ ނުލައި މި އަހަރު ނިމިގެންދާ މަންޒަރެވެ.
މާޒީއަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ދައުރުގައި ކޮންމެ އަހަރަކުހެން ބޮޑެތި އަދަދުތަކުގެ ސަޕްލިމެންޓްރީ ބަޖެޓުތައް ފާސްކުރަން ޖެހުނު ކަމަށާއި، އެގޮތުން 2022 ވަނަ އަހަރު 6.8 ބިލިއަން ރުފިޔާ އަދި އެހެން އަހަރުތަކުގައި ހަތް ބިލިއަނާއި 8.5 ބިލިއަން ރުފިޔާއާ ދެމެދުގެ ބޮޑެތި ބަޖެޓުތައް އިތުރަށް ފާސްކުރި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ މޫސާ ވިދާޅުވީ، އޭރުގެ ސަޕްލިމެންޓްރީ ބަޖެޓުތަކަކީ ވައްކަންކޮށްފައި ހުށަހަޅާފައިވާ ރަޝީދުތަކެއް ކަމަށް މިހާރުގެ އެމްޑީޕީ ޗެއާޕާސަން ވެސް މާޒީގައި ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން އިތުރު ބަޖެޓަކާ ނުލައި މިއަދު އަހަރު ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ދައުލަތުގެ މާލީ ޙާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި މާލީ އިދާރާތަކުން ލަފާދޭ ފަދައިން ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށް ޢަމަލީ ހައްލުތަކެއް ހޯދަންޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޕްރައިވެޓް ސެކްޓަރުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުނުވުމުގެ ސަބަބުން ސަރުކާރުގެ ވަޒީފާތަކަށް ބާރުބޮޑުވަމުންދާ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، އަމިއްލަ ވިޔަފާރިތައް ވަރުގަދަކޮށް ކުރިއެރުވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އަލީ މޫސާ ވިދާޅުވިއެވެ.
ޕޭ ކޮމިޝަނުން ގެނައި ބަދަލުތަކާއެކު ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި އުފެދިފައިވާ ފަރަގުތަކާއި އިންބެލެންސް ހައްލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީސް ފަދަ މިނިވަން މުއައްސަސާތަކަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާއިރު، އެ ޚަރަދާ އެއްވަރުގެ ނަތީޖާއެއް އެ މުއައްސަސާތަކުން ނެރެދޭންޖެހޭ ކަމަށް ވެސް އަލީ މޫސާ ވަކާލާތުކުރެއްވިއެވެ.
ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި، ޕީއެސްއައިޕީ މަޝްރޫޢުތައް ވީހާވެސް އަވަހަކަށް ނިންމުމަށް މި ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދީފައިވާކަން ވެސް މެންބަރު ވަނީ ފާހަގަކުރައްވާފައެވެ.













