ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވަނީ ހަގީގަތާ ޚިލާފު، ރައްޔިތުންނަށް އޮޅޭ ފަދަ ވާހަކަތަކެއް ކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި ފާސްކުރާ ބަޖެޓެއް ނޫނީ އެ ބޭފުޅުންނަށް ކަމުނުދާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ބާރަށް އަޑުއުފުއްލަވައި ބަޖެޓަކީ ތާކުންތާކު ނުޖެހޭ އެއްޗެއް ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި 2008 ވަނަ އަހަރުގެ ފަހުން އެމްޑީޕީގެ ވެރިކަމެއްގައި ފާސްކުރި ބަޖެޓަކަށް ނޫނީ އެ ޕާޓީން ވޯޓު ދީފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެ ބޭފުޅުންނަށް ރަނގަޅު އެއްވެސް ބަޖެޓެއް މި ރާއްޖެ އަކަށް އަޅުގަނޑު ހަމަ ޔަގީނުން ވެސް 2008 ގެ ފަހަކުން މި ހުށަހެޅުނު އެއްވެސް ބަޖެޓަކަށް އެ ބޭފުޅުން ވޯޓު ދީފަ ނެތް.ހަމަ އެމްޑީޕީ ގެ ވެރިކަމުގަ އެ ފާސްކުރާ ބަޖެޓެއް ނޫނިއްޔާ އެ ބޭފުޅުންނަކަށް ކަމަކު ނުދިޔަ. ވޯޓެއް ވެސް ނުދޭ“ އައިބީ ވިދާޅުވިއެވެ.
އައިބީ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މިއީ އެމްޑީޕީގެ މެންބަރުން ސިޔާސީ ގޮތުން ޖައްސަވާ ”ސްޓަންޓެކެވެ“. އެގޮތުން، މަޖިލީހުގެ ތަޅުމުގައި ވަރުގަދަ ވާހަކަތަކެއް ދެއްކެވުމަށްފަހު، މެސް ރޫމަށް ވަޑައިގެން ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވައި، އެއީ ދާއިރާގެ ރައްޔިތުންގެ ކުރިމަތީގައި ”ރޭންޖު މަތިކޮށްލީ“ ކަމަށާއި ބަޖެޓު ހަގީގަތުގައި ވެސް ރަނގަޅު ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ބަޖެޓު ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ފިނޭންސް މިނިސްޓަރަށް ތައުރީފު ކުރައްވާފައި، އާންމު ރައްޔިތުންނަށް އަޑުއިވޭ ގޮތަށް މުޅިން ތަފާތު ވާހަކަތައް ދައްކަވާ ކަމަށް ވެސް އައިބީ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީން ވެރިކަން ކުރި 10 އަހަރުގެ ތެރޭގައި ފާސްކުރި ބަޖެޓުތަކުން ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދެވިފައިވޭތޯ އައިބީ ވަނީ ސުވާލު އުފައްދަވާފައެވެ. ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް އަދި ތައުލީމާއި ސިއްހަތާއި ފާމަސީތަކަށް ބޭސް ހަމަކުރުން ފަދަ އަސާސީ ކަންކަން އެ ދުވަސްވަރު ފުރިހަމަކޮށްދެވުނު ނަމަ، މިއަދު މިފަދަ ގޮތަކަށް ވާހަކަދައްކަން ނުޖެހުނީސް ކަމަށް ވިދާޅުވެ އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.












