ދިވެހިރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައިވާ ގޮތުން، ރައްޔިތުންނަށް އެ ރަށަކުން ސިއްޙީ ޚިދުމަތްތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، މި ސަރުކާރު އައުމަށްފަހު އެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
މެންބަރު އަނާރާ މިހެން ވިދާޅުވީ 2026 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، ރާއްޖޭގެ ޖޯގްރަފީ އެކުލެވިގެންވާ ގޮތުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ސިއްޙީ ޚިދުމަތްތައް އެމީހުން ދިރިއުޅޭ ރަށަކުން ލިބެން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކަމަނާ ތަމްސީލުކުރައްވާ ހުރާ ދާއިރާއަށްވެސް ސިއްޙީ ގޮތުން ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން މެންބަރު އަނާރާ ފާހަގަކުރެއްވިއެވެ.
އެގޮތުން ހުރާ ދާއިރާގައި ހިމެނޭ ހުރާ، ހިންމަފުށި އަދި ގުޅިއަށް ސިއްޙީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ލިބިފައިވާކަން އެކަމަނާ ހާމަކުރެއްވިއެވެ. ޚާއްޞަކޮށް، އާންމުކޮށް ހަދަންޖެހޭ ލޭގެ މުހިންމު ޓެސްޓުތައް މިހާރު އެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުން ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަމީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމުގައި މެންބަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަށްރަށުގައި ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމުގެ ގޮތުން އިތުރު އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަން މެންބަރު އަނާރާ ވަނީ ފާހަގަކުރައްވާފައެވެ.












