އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕުގެ ”ޓޯނަމަންޓް އޮފް ޗެމްޕިއަންސް“ ގައި ރާއްޖޭގެ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ވާދަކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ތާރީޚީ އަދި ފަޚުރުވެރި ކާމިޔާބީއެއް ދިވެހިރާއްޖެއަށް ހޯދައިދީފިއެވެ.
މި މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި ދަރިވަރުންގެ ޢިލްމީ ޤާބިލުކަމާއި، އުފެއްދުންތެރިކަމުގެ އިތުރުން ގުޅިގެން މަސައްކަތްކުރުމުގެ ހުނަރުތައް ވަޒަންކުރުމުގެ ބޭނުމުގައި އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައިނަލްއަޤުވާމީ ފޯރިގަދަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ ނަން މަޝްހޫރު ސްކޫލްތަކުން 400 އަށްވުރެ ގިނަ ޓީމާއި، 1,200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު، މުޅި ރާއްޖެ ތަމްސީލުކޮށްފައިވަނީ ބިލަބޮންގް ހައި ސުކޫލްގެ ހަތަރު ދަރިވަރުންނެވެ. އެއީ މި މުބާރާތުގެ ފައިނަލް މަރުހަލާގައި ވާދަކުރި ހަމައެކަނި ދިވެހި ދަރިވަރުންނެވެ.
މުބާރާތުގައި ”ޓީމު 365“ ގެ ގޮތުގައި ވާދަކުރި ބިލަބޮންގްގެ ތިން ދަރިވަރުން ކަމަށްވާ ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ ދުނިޔޭގެ ގަދަ 15 ޓީމުގެ ތެރޭގައި ހިމެނި، މުޅި މުބާރާތުން 13 ވަނަ ހާސިލްކޮށްފައެވެ. މި ޓީމުން މުބާރާތް ނިންމާލީ ޖުމުލަ 27 ރަން މެޑައްޔާއި 2 ރިހި މެޑައްޔާއެކުގައެވެ. މިއީ ރާއްޖޭގައި ބޭއްވުނު ރީޖަނަލް ބުރުން 1 ވަނަ އަދި ބެންކޮކްގެ ގްލޯބަލް ބުރުން 3 ވަނަ ހޯދުމަށްފަހު އެ ޓީމުން ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެއިތުރުން، އެ ސްކޫލްގެ ދަރިވަރު އައިޝަތު އަލީޝާ އެހެން ޓީމެއްގެ ތެރެއިން ވާދަކޮށް، ރަން މެޑައްޔަކާއި ދެ ރިހި މެޑަލް ހޯދައިގެން ގައުމަށް ވަނީ ރީތި ނަން ހޯދައިދީފައެވެ.
ވަކިވަކި ދަރިވަރުންގެ ބައިން ބަލާއިރު، ކާހިލް އަސީލް ވަނީ އާދަޔާޚިލާފު މޮޅު ނަތީޖާތަކެއް ހާސިލްކޮށްފައެވެ. އޭނާ ވަނީ 1,200 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު 15 ކުދިންގެ ތެރޭގައި ހިމެނި، ވަކިވަކި ދަރިވަރުންގެ ބައިން މުޅި މުބާރާތުން 13 ވަނަ ހޯދާފައެވެ. އަދި މުބާރާތުގައި ހިމެނޭ ހަ މާއްދާއިންވެސް ރަން މެޑަލް ކާމިޔާބުކުރިއެވެ. ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑައްޔާއެކު ކާހިލް މުބާރާތް ނިންމާލިއިރު، ”ޓީމް ޗެލެންޖް“ އިން 24 ވަނަ، ”ރައިޓިންގ“ އިން 46 ވަނަ އަދި ”އިންޑިވިޖުއަލް ޑިބޭޓް“ އިން 141 ވަނަ ވަނީ ހޯދާފައެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި، ޔޭލްގެ މުބާރާތުގެ ކުރިން ބޭއްވުނު ބެންކޮކް ގްލޯބަލް ރައުންޑުންވެސް އޭނާ ވަނީ ވަކިވަކި ދަރިވަރުންގެ ބައިން 2 ވަނަ ހޯދާފައެވެ.
ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ކާހިލް ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ދަރިވަރުންނާއެކު ޔޭލްގެ ސްޓޭޖް މަތީގައި ހުރެވުނު ވަގުތަކީ ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ ވަގުތެއް ނޫން ކަމަށެވެ. އަދި އޭނާގެ އަމާޒަކަށްވީ ދިވެހި ދަރިވަރުންނަކީވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ގާބިލު ބައެއްކަން ސާބިތުކޮށްދިނުން ކަމަށާއި، މި ކާމިޔާބީގެ އަސްލަކީ އޭނާގެ ޓީމާއި، މުދައްރިސުން އަދި އާއިލާ ކަމަށް ޝުކުރުވެރިކަމާއެކު އޭނާ ފާހަގަކުރިއެވެ.
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޝަހީމް ވިދާޅުވީ ކާހިލް، އައިޒް، ބިލާލް އަދި އަލީޝާ އެ ސާބިތުކޮށްދިނީ ހުނަރާއި، ގުޅިގެން މަސައްކަތްކުރުމާއި، ހިތްވަރާއެކު ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެންމެ މޮޅެތި ދަރިވަރުންނާ ކާމިޔާބުކަމާއެކު ވާދަކުރެވޭނެކަން ކަމަށެވެ. އަދި މި ހަތަރު ދަރިވަރުން ހޯދި އާދަޔާޚިލާފު ކާމިޔާބީއަށް ސްކޫލުގެ ފަރާތުން މަރުޙަބާ ވިދާޅުވަމުން ޕްރިންސިޕަލް ފާހަގަކުރެއްވީ، މިއީ ސްކޫލަށް ލިބުނު ފަޚުރެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ލިބިގެންދިޔަ މަތިވެރި ނަމޫނާއެއް ކަމަށެވެ.













