ކުރިއަށް އޮތް ތަނުގައި ދުޝްމަނުން ބަލިވެ ނިކަމެތިވާ މަންޒަރު ފެންނާނެ ކަމަށް ބުނެ އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދެމުން، އެއްފަހަރާ ދެ މިސައިލް އުދުއްސާލުމުގެ ގާބިލުކަން ލިބިފައިވާ އާ ލޯންޗަރެއް އީރާނުން ދައްކާލައިފި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ވެރިޔާ އަހުމަދު ވަހީދީ ވިދާޅުވި ގޮތުގައި، ދުޝްމަނުންނަށް މިހާރު ލިބެމުންދާ ގެއްލުންތަކަކީ އަދި ހަމައެކަނި ފެށުމެކެވެ.
މި އާ ހަތިޔާރަކީ ލިކުއިޑް ޕްރޮޕެލަންޓް ބޭނުންކޮށްގެން ދަތުރުކުރާ ދެ މިސައިލް އެއް ވަގުތެއްގައި ފޮނުވާލެވޭ ގޮތަށް އީރާނުން ތައްޔާރުކޮށް، އެ ގައުމުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ހޮނިހިރު ދުވަހު ފުރަތަމަ ފަހަރަށް ދައްކާލި މިފަދަ އުފެއްދުމެވެ.
ދައުލަތުގެ ޓީވީން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، އައިއާރުޖީސީގެ ވެރިޔާ ވަހީދީ އާއި އެ ފައުޖުގެ އެއަރޯސްޕޭސް ބާރުތަކުގެ ވެރިޔާ މަޖީދު މޫސަވީ ވަނީ ބިމު އަޑީގައި ހަދާފައިވާ ސިއްރު މިސައިލް މަރުކަޒަކަށް ޒިޔާރަތްކުރައްވައި، ގިނަ އަދަދެއްގެ މިސައިލާއި ލޯންޗަރުތައް ރައްކާކޮށްފައި ހުރި ދިގު ޓަނަލްތަކެއްގެ ތެރެއިން އުޅަނދެއްގައި ދަތުރުކުރައްވައިފަ އެވެ.
ވޭތުވެދިޔަ ދެ ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރީ ގާބިލުކަން އިތުރުވެފައިވާ ކަމަށް ފާހަގަކުރައްވަމުން، އެއަރޯސްޕޭސް ބާރުތަކުގެ ވެރިޔާ މޫސަވީ ވިދާޅުވީ އީރާނުގެ ޒަމާނީ ހަތިޔާރުތަކުން ދުޝްމަނުން ބިރުގަންނަވާލެވޭނެ ކަމަށެވެ.
މި ހިނގާ މަހުގެ ކުރީކޮޅުވެސް އީރާނުން ވަނީ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކާއި ލޯންޗަރުތައް ރައްކާކޮށްފައިވާ ބިމު އަޑީގެ އެހެން މަރުކަޒެއް އާންމުކޮށް ދައްކާލައިފަ އެވެ.
އީރާނުން އަސްކަރީ ބާރު ދައްކާލަމުން މިދަނީ، ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާތަކެއްގައި އީރާނުގެ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ވަރުގަދަ ހަނގުރާމައަށް މަސްތަކެއް ވެފައިވަނިކޮށެވެ.
އެ ހަމަލާގެ ބަދަލުހިފުމަށް އީރާނުން ސަރަހައްދުގެ އެކި ގައުމުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންދާއިރު، ލުބުނާން، ޔަމަން އަދި އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުންވެސް ދަނީ މި ހަނގުރާމައިގައި ބައިވެރިވަމުންނެވެ.
ހަނގުރާމަ އެންމެ ހޫނުވި ދަނޑިވަޅުގައި އެމެރިކާ އާއި އިޒްރޭލުން އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކަށާއި ނިއުކްލިއާ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައިވީ ނަމަވެސް، އެ ތަންތަނަށް ލިބުނު ގެއްލުމުގެ ހަގީގީ މިންވަރެއް އަދިވެސް ސާފެއް ނުވެ އެވެ.














