އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 35 ކްރޫޒްލައިނަރ އައުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޔޮޓު އެޖެންސީ (މާޔާ) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ’ހައި ސީޒަން‘ ނުވަތަ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރާ ދިމާކޮށް، އަބަދުވެސް ރާއްޖެއަށް އަންނަ މިފަދަ ބޮޑެތި ފެންވަރުގެ ކްރޫޒްލައިނަރުތަކުގެ އަދަދު އިތުރުވެގެންދެއެވެ. އެގޮތުން މިއަހަރުގެ ފަހުކޮޅުން ފެށިގެން އަންނަ އަހަރުގެ ކުރީކޮޅާ ދެމެދު ގިނަ އަދަދެއްގެ ކްރޫޒްލައިނަރުތައް ރާއްޖޭގެ ކަނޑުތަކަށް ބަނދަރުކުރާ ގޮތަށް ވަނީ ތާވަލުކުރެވިފައެވެ.
މާޔާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައުމަށް ހަމަޖެހިފައިވާ 35 ކްރޫޒްލައިނަރު ބެހިގެންދާ ގޮތަކީ:
ނޮވެމްބަރު މަހު: 2 ކްރޫޒްލައިނަރ
ޑިސެމްބަރު މަހު: 4 ކްރޫޒްލައިނަރ
ފެބްރުއަރީ މަހު: 7 ކްރޫޒްލައިނަރ
މާރިޗު މަހު: 7 ކްރޫޒްލައިނަރ
އޭޕްރީލް މަހު: 7 ކްރޫޒްލައިނަރ
މެއި މަހު: 6 ކްރޫޒްލައިނަރ
ޖޫން މަހު: 2 ކްރޫޒްލައިނަރ
ދަތުރުފަތުރާއި ޒިޔާރަތްކުރުމުގެ ދާއިރާގައި ދުނިޔޭގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވޭ ރާއްޖެއަށް، މިފަދަ ލަގްޒަރީ އުޅަނދުތަކުގައި ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަހު ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެކަނިވެސް ކްރޫޒްލައިނަރުތަކުން ރާއްޖެއަށް 17،248 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 16،232 ފަތުރުވެރިންނާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިނަރުތަކުގެ މެދުގައި ބޮޑު ތަރުޙީބެއް ލިބެމުން އަންނަ މަންޒިލެކެވެ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 1.9 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.











