އިންޑޮނޭޝިއާގެ ފޮނިކާތަކެތި އުފައްދާ ކާރުޚާނާއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ތިން މީހުން މަރުވެ، 36 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޖަކާޓާއާ އިންވެގެން އޮންނަ ބަންޓެން ޕްރޮވިންސްގައި ހުންނަ ”ފޮނޫސާ އަގުންގް މުލިއާ“ ކުންފުނީގެ ކާރުޚާނާގައެވެ. މި ކާރުޚާނާއަކީ މަޝްހޫރު ”މިލްކިތާ“ ބްރޭންޑުގެ ކިރު އަޅައިގެން ހަދާ ފޮނިކާތަކެއްޗާއި ލުއިކާނާ އުފައްދާ ތަނެކެވެ.
އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިން ބުރިއަށް ހަދާފައިވާ އެ އިމާރާތުން ބޯ ދުމާއި އަލިފާންގަނޑު އަރަމުންދިޔައިރު، އެތެރޭގައި ހުރި މެޝިނަރީތަކާއި ވަސީލަތްތައް އަނދައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އެކުންފުނީގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، އަލިފާން ރޯވި ވަގުތު އެ އިމާރާތުގެ އެތެރޭގައި ގާތްގަނޑަކަށް 300 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައެވެ. ހާދިސާ ހިނގި ވަގުތު 54 މީހުން ގެއްލުނު ކަމަށް ރިޕޯޓްކުރި ނަމަވެސް، އޭގެ ތެރެއިން 15 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން 4 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އޭޖެންސީން ވަނީ ބުނެފައެވެ.
At least three people have died and 39 others remain missing following a fire at a candy factory in Serang, Indonesia. Search and rescue operations are ongoing. pic.twitter.com/9GvKwJ55N3
— Open Source Intel (@Osint613) November 22, 2026
ރެސްކިއު އޮފިޝަލް ރިޒްކީ ދްވިޢާންތޯ ވިދާޅުވީ، އަލިފާން ރޯވިތާ 12 ގަޑިއިރަށްވުރެ ގިނައިރު ވެފައިވާއިރުވެސް، ބައެއް ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށާއި ތަން ފިނިކުރުމުގެ މަސައްކަތް އަލިފާން ނިއްވާ ފަރާތްތަކުން އަދިވެސް ކުރަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވާ ފަރާތްތަކާއި، މީހުން ސަލާމަތްކުރާ ޓީމުތަކުގެ އިތުރުން އިންޑޮނޭޝިއާގެ ރެޑް ކްރޮސް ގުޅިގެން، މީހުން ތާށިވެފައި ތިބެދާނެ ކަމަށް ބެލެވޭ ސަރަހައްދުތައް ބަލައި ފާސްކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ މީހުންގެ އާއިލާތަކުން ކާރުޚާނާ ބޭރަށް އެއްވެ، ކަންބޮޑުވުމާއެކު އިންތިޒާރު ކުރަމުންދާ މަންޒަރު ޓީވީތަކުންނާއި މީޑިއާތަކުން ވަނީ ދައްކާފައެވެ.
ފަހަކަށް އައިސް އިންޑޮނޭޝިއާގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 22 މީހުން މަރުވެފައިވާއިރު، 2023 ވަނަ އަހަރު ނިކަލް ޕްރޮސެސްކުރާ ޕްލާންޓެއް ގޮވައި 13 މީހުން ވަނީ މަރުވެފައެވެ.












