އިސްރާއީލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް) ގެ މެދުތެރޭގެ އަވަށްތަކަށް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ވަދެގަނެ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ”ވަފާ“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރާމަﷲ އަދި އަލް-ބީރާ ޕްރޮވިންސްގެ އަވަށްތަކަށް ދިން މި ހަމަލާތަކުގައި 12 އުޅަނދެއްގައި ރޯކޮށްލައި، ގޭގޭގެ ފާރުތަކުގައި ނަސްލީގޮތުން ތަފާތުކުރުމުގެ ބަސްތައް ވަނީ ސްޕްރޭކޮށްފައެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ކަފްރް މާލިކް، ދައިރު އަބޫ މަޝްއަލް، އަދި ދައިރު އަލް-ސޫދާން ފަދަ އަވަށްތަކަށެވެ.
ކަފްރް މާލިކްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ނޫރް އޮއިދާ ބުނެފައިވަނީ، ދަންވަރު ގާތްގަނޑަކަށް ދޭއް ޖެހި އެހާކަންހާއިރު އަޑުގަދަ ގޮވުންތަކަކާ އެކު އާންމުން ހޭލިއިރު، ފެނުނީ ވަޒަންވެރިން އުޅަނދުތަކުގައި އަލިފާން ރޯކުރަމުން ދިޔަ މަންޒަރު ކަމަށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ވެސްޓް ބޭންކުގައި ވަޒަންވެރިންގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޮކްޓޯބަރު 2023 އިން ފެށިގެން މިހާތަނަށް ވެސްޓް ބޭންކުގައި 1،222 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 255 ކުޑަކުދިން ހިމެނެއެވެ.
ފަލަސްތީނިއަން ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އޮކްޓޯބަރު މަހު އެކަނިވެސް ފަލަސްތީނު މީހުންނާ ދެކޮޅަށް 3،133 ހަމަލާއެއް ދީފައިވެއެވެ. މީގެ ތެރެއިން 1،764 ހަމަލާއަކީ އިސްރާއީލު ސިފައިން ދިން ހަމަލާތައް ކަމަށްވާއިރު، 1،369 ހަމަލާ ދީފައިވަނީ ވަޒަންވެރިންނެވެ. މިއީ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު ވަޒަންވެރިންގެ ހަމަލާތައް 112 އިންސައްތަ އިތުރުވުމެކެވެ.
މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ޔަޝާރު ޕާޓީގެ ލީޑަރު އަދި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ގާދީ އައިސެންކޮޓް ބުނެފައިވަނީ، މިއީ ހުރިހާ މާނައެއްގައިވެސް ”ޔަހޫދީ ޓެރަރިޒަމް“ ކަމަށެވެ. އަދި ހައްދުފަހަނައެޅި ވަޒީރުން ކަމަށްވާ އިތަމާރު ބެން-ގްވީރާއި ބެޒަލެލް ސްމޮޓްރިޗްގެ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދު ކޮންޓްރޯލެއް ނެތް ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ބެން-ގްވީރު ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމް (B’Tselem) އިން ބުނެފައިވަނީ، ވަޒަންވެރިން މިފަދަ ހަމަލާތައް ދެނީ ގިނަ ފަހަރަށް އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ކަމަށާއި، ހަމަލާދޭ ވަގުތު އެމީހުން ހުއްޓުވުމަށް ސިފައިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާދިން ސަރަހައްދުތަކުން ހެކި އެއްކުރުމަށް ތަހުގީގީ ޓީމުތައް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މިފަދަ އަމަލުތައް ހިންގާ ޔަހޫދީންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާކަން ބައިނަލްއަގުވާމީ މުޖުތަމައުން ފާހަގަކުރެއެވެ.











