އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އަސްކޮއި ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، އަސްކޮއި ގްރޫޕުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު، އެ ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަސްކޮއި ގްރޫޕުގެ ހަވާލުގައި މާތްވެގެންވާ އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ޖުމްލަ 109 ފަރާތަކުން ވަނީ ފައިސާ ދައްކާފައެވެ. އަދި އެ ފަރާތްތަކުން ދެއްކި ފައިސާއަށް އެ ގްރޫޕުން ޚިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. މިގޮތުން ޚިޔާނާތްތެރިވި ފައިސާގެ ޖުމްލަ އަދަދު 2،660،300ރ. (ދެ މިލިއަން ހަ ލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރައެވެ.
މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުންދާތީ، ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ތަފާތު ވައްތަރުގެ ސްކޭމްތަކާއި މާލީ ޚިޔާނާތްތަކުން އާންމު ރައްޔިތުން ރައްކާތެރިކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުން އިތުރަށް ސަމާލުވެ، ކުންފުނިތަކުގެ އިތުބާރު ކަށަވަރުކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.










