ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު ހުކުމް މާދަމާ އިއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
ހައިކޯޓުގެ ޝެޑިއުލުން ދައްކާގޮތުގައި މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ކުރިއަށްދާނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައެވެ.
މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ހުންނަ ޝާހިދުގެ އެޕާޓްމަންޓުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ޝާހިދުގެ ބަންދަށް 30 ދުވަސް ދީފައެވެ.
ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކުރުމަށް ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އާންމު އުސޫލުން ސިއްރުކޮށްގެން ކުރިއަށްގެންދާ ޝަރީއަތްތަކަކަށް ވާތީ، މި މައްސަލައިގެ އަޑުއެހުންތައް ވެސް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އެއީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާ ގުޅިގެން އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ކުރާ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ރައްދު ދެމުން ސަރުކާރުން ބުނެފައިވަނީ ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް މައްސަލަތަކުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރާނެ ކަމަށެވެ.











