ދިވެހިންގެ އުންމީދީ އުމުރު މަތިވެފައިވާތީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރުމުގައި މިހާރު ގެންގުޅޭ 60 އަހަރުގެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބުދެއްވުމަށް ކުރިއަށްގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގައި އާންމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހާ ވަނީ އަމިއްލަ ގެދޮރު އިމާރާތްކުރުމަށް ލޯނެއް ހޯދަން މަސައްކަތް ކުރުމުން، އުމުރުން 60 އަހަރަށްވުރެ މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވި ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ރައްޔިތުމީހާ ފާހަގަކުރި ގޮތުގައި، ދަރިން ތައުލީމު ހާސިލުކުރުމަށާއި އެހެނިހެން ބޭނުންތަކަށް ލޯނު ނަގާފައި ހުރުމުން، ގެދޮރު ހެދުމުގެ ކަމުގައި ދަރިންގެ ފަރާތުން ވެސް މާލީ އެހީތެރިކަމެއް ލިބޭކަށް ނެތެވެ. އަދި ގެދޮރު ފަދަ އަގުހުރި އެސެޓްތައް މޯގޭޖްކޮށްގެން ލޯނު ނަގާއިރު، ލޯނު ނުދެއްކިއްޖެ ހާލަތެއްގައި އެ ތަން ބޭންކަށް ނެގޭނެ އުސޫލު އޮންނާތީ، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބުމަށް ހުރަސްއޮތުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ބުންޏެވެ.
މި ޝަކުވާއަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ބީއެމްއެލްއިން 60 އަހަރުގެ ލިމިޓެއް ކަނޑައަޅާފައި އޮތީ މީގެ ކުރިން ދިވެހިންގެ އެވްރެޖް އުމުރު ދަށްވުމުން ކަމަށެވެ. ނަމަވެސް މިހާރު ދިވެހިންގެ އުންމީދީ އުމުރު 80 އަހަރާ ގާތްކުރާތީ، ކުރީގެ އުސޫލު ބަދަލުކޮށް 75 އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރުފުރާތަކަށް ލޯނު ދޫކުރެވޭނެ ގޮތް ހަދައިދިނުމަށް ކަމާބެހޭ ވުޒާރާ މެދުވެރިކޮށް ބޭންކުގައި އެދިވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، 1991 ވަނަ އަހަރުން ފެށިގެން އަމިއްލަ ވޯކްޝޮޕެއް ހިންގަމުން އަންނަ އެ މީހާ ވަނީ ވިޔަފާރި ފުޅާކުރުމަށް ތިލަފުށިން ބިމެއް ބޭނުންވާ ކަމަށާއި، މަގުތަކުގެ ކަންމަތީގަ އާއި ހަނި ގޯޅިތަކުގެ ކުރިމަތީގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ ގެދޮރަށް ވަދެނުކުތުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށް ބުނެފައެވެ.
ޕާކިންގ މައްސަލައާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް މަގުތަކުގެ ކަންމަތީގަ އާއި ގޯޅިތަކުގެ ކުރިމަތީގައި ޕާކުކުރުން ހުއްޓުވުމަށް ސަރުކާރުން ހާއްސަ އޮފީހެއް އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.














