ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ފޮނުވާލި ބެލިސްޓިކް ތިން މިސައިލެއް ވައިގެ ތެރޭގައި ހުއްޓުވައި، ވައްޓާލައިފިއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ހޫޘީން މި ހަމަލާ ދީފައިވަނީ ސައުދީގެ ވެރިރަށުގައި ކުއްލި ނުރައްކަލުގެ އެލާޓްތަކެއް އެޅުމަށްފަހުގައެވެ. މި ހަމަލާ އައިސްފައި މިވަނީ، ރިޔާޟްގެ އެންމެ އުސް ސްކައިސްކްރޭޕާ އަދި ސައުދީގެ ސޮވެރިން ވެލްތު ފަންޑުގެ މައި މަރުކަޒު ކަމަށްވާ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ޓަވަރަށް ހޫޘީން ދިން ހަމަލާއެއްގައި ގެއްލުންތަކެއް ލިބުނުތާ ދެ ދުވަސް ފަހުންނެވެ. މިއީ ރިޔާޟަށް ނުރައްކާ އޮތް ކަމަށް ބުނެ ސައުދީން ކުއްލި ސަމާލު ނެރުނު ވިދިވިދިގެން ތިންވަނަ ދުވަހެވެ.
މިސައިލްތައް ވައްޓާލިތާ މަދު ގަޑިއިރުތަކެއް ފަހުން އިއްތިހާދުން ވަނީ ސައުދީގެ ދެކުނުގެ ސަރަހައްދަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ޑްރޯނެއްވެސް ވައްޓާލާފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ސީދާ ކޮން ޕްރޮވިންސަކަށް އަމާޒުކުރި ހަމަލާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ސައުދީގެ ސިވިލް ޑިފެންސް އޭޖެންސީން ހުކުރު ދުވަހުގެ ހެނދުނު 7:30 އިން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ކުއްލި ނުރައްކަލުގެ 8 އިންޒާރެއް އާންމުންނަށް ވަނީ ނެރެފައެވެ.
މި ހަމަލާތައް ވަރުގަދަވެފައި މިވަނީ، ހުކުރު ދުވަހުގެ ކުރީކޮޅު ސައުދީ އިއްތިހާދުން ހޫޘީންގެ ބާރުގެ ދަށުގައިވާ ރަތްކަނޑުގެ ބަނދަރެއް ކަމަށްވާ ހުދައިދާ ބަނދަރަށާއި ވެރިރަށް ސަންއާގެ އަސްކަރީ އަމާޒުތަކަށް ”ހާއްސަ އޮޕަރޭޝަނެއް“ ހިންގުމާ ގުޅިގެންނެވެ. އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި އެ ހަމަލާތައް އަމާޒުކުރީ ހަތިޔާރާއި ބެލިސްޓިކް މިސައިލް ވަގަށް އެތެރެކުރުމަށް ހޫޘީން ބޭނުންކުރަމުންދިޔަ ހުދައިދާ ބަނދަރުގެ އޮޕަރޭޝަނަލް ވަސީލަތްތަކަށެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން ވަނީ ހުދައިދާ ބަނދަރަށް ދިން ހަމަލާތައް ދިފާއުކޮށް، އީރާނުން ވަގަށް އެތެރެކުރާ ހަތިޔާރުތައް ބަލައިގަތުމަށާއި އަސްކަރީ ހަރަކާތްތަކަށް ހޫޘީން އެ ބަނދަރު ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައެވެ.
މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫޘީން ވަނީ ޖިއްދާ އާއި ރަތްކަނޑުގެ އެހެން ބަނދަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ސައުދީގެ ވައިގެ ސަރަހައްދަކީ ”ރައްކާތެރި ތަނެއް ނޫން“ ކަމަށް ބުނެ އެއާލައިންތަކަށްވެސް އިންޒާރު ދީފައިވެއެވެ. މީގެއިތުރުން ރިޔާޟްގެ މާލީ މަރުކަޒަށާއި، ދެކުނު ހުޅަނގުގައިވާ އަލް-ޝުގައިގްގެ ކަރަންޓު އުފައްދާ ސްޓޭޝަނަކަށް ހަމަލާދޭނެ ކަމުގެ ބިރުވެސް ވަނީ ދައްކާފައެވެ.
މަސްރަހު މިގޮތަށް ހޫނުވަމުންދާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ހަނގުރާމަ މިގޮތަށް ކުރިއަށްދާނަމަ، ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު މަގުތަކަށް ބުރޫއަރައި، ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފައެވެ.













