ކްރޮސްރޯޑްސްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރިއަށް 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއަކަށް ދިޔަވާކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ރޭ އަވަސް އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ރޭ 20:11 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ ގުޅިގެން، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ”ހާބަރކްރާފްޓް 113“ ލޯންޗު ވަނީ ޑައިވަރުންނާއި ފެން ހިއްކާ ޕަންޕާއެކު ވަގުތުން އެ ސަރަހައްދަށް ހަރަކާތްތެރިވެފައެވެ.
އެ ސަރަހައްދަށް ގޮސް ކޯސްޓްގާޑުގެ ޑައިވަރުން ބެލިބެލުމުން، އެ ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ޕަންޕު ބޭނުންކޮށްގެން ޑިންގީން ފެން ހިއްކުމަށްފަހު، އޭގައި ތިބި ތިން ފިރިހެނުންނާއެކު އެ ޑިންގީ ވަނީ ހުޅުމާލެއަށް ދަތުރުކޮށްފައެވެ.
މީގެއިތުރުން، އެ ޑިންގީގައި ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ 7 އަންހެނުންނާއި 7 އަހަރުގެ ކުޑަކުއްޖާ، ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު ސަލާމަތްތެރިކަމާއެކު ރޭ 21:30 ހާއިރު ވަނީ ހުޅުމާލެއަށް ގެންގޮސްދީފައެވެ.
މި ހާދިސާގައި ޑިންގީން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.














