އިސްރާއީލުގެ ޖަލުތަކުގައި މިވަގުތު ބަންދުކޮށްފައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 350 ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް، ބަނޑަށް ޖައްސަމުންދާ ކަމަށާއި، އެ ކުދިންނަށް ބޭނުންވާ ބޭސްފަރުވާއާއި ތައުލީމާއި އާއިލާއާ ބައްދަލުކުރުމުގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށް ފަލަސްތީނުގެ އަސީރުންގެ ހައްގުތަކަށް މަސައްކަތްކުރާ ދެ ޖަމިއްޔާއަކުން ހާމަކޮށްފިއެވެ.
ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ފަލަސްތީނުގެ ކޮމިޝަން އޮފް ޑިޓެއިނީސް އެންޑް އެކްސް-ޑިޓެއިނީސް އެފެއާޒް އާއި ފަލަސްތީނިއަން ޕްރިޒަނާ ސޮސައިޓީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ކުޑަކުދިންގެ ތެރޭގައި ތިން އަންހެން ކުދިންވެސް ހިމެނޭ ކަމަށެވެ.
މި ބަޔާނުގައިވާ ގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްއިން އެކަނިވެސް 2،000 އަށްވުރެ ގިނަ ކުޑަކުދިން އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ލާއިންސާނީ އަމަލުތައް ސިފަކޮށް އެ ދެ ޖަމިއްޔާއިން ބުނީ، ކުޑަކުދިން ބަންދުކޮށްފައި ތިބެނީ އެކަށީގެންވާ ވައިދައުރުވާނެ ގޮތެއް ނެތް އަދި ސިއްހީ ރައްކާތެރިކަމެއް ނެތް، ތޮއްޖެހިފައިވާ ކުދި ގޮޅިތަކުގައި ކަމަށެވެ.
މީގެ އިތުރުން، ވައިދައުރުނުވުމާއި ސާފުތާހިރުވުމަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ މެދުގައި ކަސްފަދަ ހަމުގެ ބަލިތައް ހަލުވިކަމާއެކު ފެތުރެމުންދާއިރު، ބަލިވާ ކުދިންނަށް ފަރުވާ ދިނުން ލަސްކޮށް އެކަށީގެންވާ ބޭސް ނުދީ ހިފަހައްޓާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހުޅަނގު އައްސޭރީގެ ގެތަކަށް ވަދެ ހިންގާ ރެއިޑްތަކުގައާއި، އަސްކަރީ ޗެކްޕޮއިންޓްތަކުންނާއި، މަގުމަތިން އަދި ސްކޫލްތަކުގެ ކައިރިން އިސްރާއީލު ސިފައިން ކުޑަކުދިން ހައްޔަރުކުރާ ކަމަށާއި، ހައްޔަރުކުރާ ވަގުތުން ފެށިގެން ބަނދެގެން ތަޅައި އަނިޔާކޮށް، ވަކީލަކު ނުވަތަ އާއިލާގެ މީހަކު ނެތި ގިނަ އިރުތަކެއް ވަންދެން ނިންޖާއި އަރާމުން މަހުރޫމްކޮށް ތަހުގީގު ހިންގާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
އެއްވެސް ދައުވާއެއް އުފުލުމަކާ ނުލައި ”އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން“ ގެ ދަށުން އެތައް ދިހަ ކުޑަކުދިންނެއް ޖަލުގައި ބަންދުކޮށްފައި ތިބިއިރު، ތަކުރާރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމުގެ ސަބަބުން އަމިއްލަ ނަފްސުގެ ދިފާއުގައި ވަކާލާތު ކުރުމުގެ ހައްގު ގެއްލި، މުއްދަތެއް ނެތް ގޮތަށް ޖަލުގައި ތިބެން ޖެހިފައިވާ ކަމަށް އެ ޖަމިއްޔާތަކުން ބުނެއެވެ.
ޖަލުގައި އަނިޔާކޮށް ބަނޑަށް ޖެއްސުމުގެ ސަބަބުން ޝަހީދުވި ކުޑަކުއްޖެއްގެ މަރުގެ ތަހުގީގު އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅައި އިސްރާއީލުން ފައިލްކޮށްފައިވާ ކަމަށާއި، އެ ކުއްޖާގެ ހަށިގަނޑު ގަނޑުކޮށްފައި އަހަރަކަށްވުރެ ގިނަ ދުވަހު ހިފެހެއްޓުމަށްފަހު އާއިލާއާ ހަވާލުކުރި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިސްރާއީލަށް އެއްވެސް އަދަބެއް ނުލިބި މިފަދަ ޖަރީމާތައް ހިންގަމުންދާއިރު ބައިނަލްއަގުވާމީ މުޖުތަމައުއިން ފަލަސްތީނުގެ ކުޑަކުދިން ހިމާޔަތްކުރުމުގައި ނާކާމިޔާބުވެފައިވާތީ އެ ދެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ކުޑަކުދިން އެޑްމިނިސްޓްރޭޓިވް ޑިޓެންޝަންގައި ބަންދުކުރުން ވަގުތުން ހުއްޓާލައި، ހައްޔަރުކޮށްފައި ތިބި ހުރިހާ ކުޑަކުދިން މިނިވަންކުރުމަށާއި، ކުޑަކުދިންނަށް އަނިޔާކޮށް ބަނޑަށް ޖެއްސި އިސްރާއީލުގެ ވެރިންނާއި ސިފައިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަލަސްތީނާއި އިސްރާއީލުގެ ޖަމިއްޔާތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އިސްރާއީލުގެ ޖަލުތަކުގައި މިވަގުތު ޖުމްލަ 9،350 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭގައި 350 ކުޑަކުދިންގެ އިތުރުން 90 އަންހެނުންވެސް ހިމެނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމުގައި މިހާތަނަށް 74،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 22،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި މި ހަމަލާތަކުގައި 175،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.













