ކަރާޗީއާއި މާލެއާ ދެމެދު ސީދާ ކަނޑުބޯޓު ދަތުރުތައް ފެށުމުގެ ފުރުސަތު ދެނެގަނެ، ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށްޓަކައި ގުޅިފައިވާ ވޯކިން ގުރޫޕުތަކެއް އުފައްދަން ދިވެހިރާއްޖެއާއި ޕާކިސްތާނުން އެއްބަސްވެއްޖެއެވެ.
މި އެއްބަސްވުމަށް އާދެވުނީ ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާގެ އިސްވެރިން ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވެވި ޚާއްސަ ބައްދަލުވުމެއްގައެވެ.
އިންޓަނެޓު މެދުވެރިކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ.
ޕާކިސްތާނުގެ ފަރާތުން މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ ކޮމާސް މިނިސްޓަރު ޖާމް ކަމާލް ޚާނާއި، މެރިޓައިމް އެފެއާޒް މިނިސްޓަރު މުހައްމަދު ޖުނައިދު އަންވަރު ޗައުދުރީއާއި، ބޮޑުވަޒީރުގެ އެޑްވައިޒަރު ހާރޫން އަޚްތަރު ޚާންގެ އިތުރުން ކޮމާސް ސެކްރެޓަރީ ޖަވާދު ޕޯލްއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ދެ ގައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ވެވަޑައިގެންނެވި އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ޕާކިސްތާނުގެ އިސް ވަފުދެއް އަންނަ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ސަރުކާރުން ކަނޑައަޅާ ތާރީހެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނަ މި ވަފުދުގައި ޕާކިސްތާނު ސަރުކާރުގެ އިސް ބޭފުޅުންނާއި އެ ގައުމުގެ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވާނެއެވެ.
ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސީދާ ކަނޑުބޯޓު ދަތުރުތައް ފެށުމަށާއި، ހަނޑޫ، ފުށް، ހަކުރު، މޭވާއާއި ތަރުކާރީ، ބޭސް އަދި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ފަދަ އަސާސީ މުދާ ޕާކިސްތާނުން އެތެރެކުރުމަށެވެ.
އެގޮތުން ރާއްޖެއަށް ގެންނާނެ މުދަލުގެ ބާވަތްތަކާއި އޭގެ އަދަދު ދެނެގަތުމަކީ ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ބޭއްވުން ދެކޮޅުޖެހޭނެތޯ ބެލުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓަރު ޗައުދުރީ ވިދާޅުވީ އެކަށީގެންވާ މިންވަރަކަށް މުދާ ލިބޭނަމަ ސީދާ ކަނޑުދަތުރުތައް ފެށުމަށް ޕާކިސްތާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މީގެ އިތުރުން ބަނދަރުތައް ހިންގުމާއި، މަސްވެރިކަމާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ދިވެހިންނަށް ތަމްރީނު ދިނުމުގައި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށްވެސް ޗައުދުރީ ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ އެޑްވައިޒަރު ހާރޫން އަޚްތަރު ޚާން ފާހަގަކުރެއްވި ގޮތުގައި މި ވިޔަފާރީގެ ގުޅުން ބަދަހިވުމާއެކު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ގިނަ ތަކެތި ޕާކިސްތާނުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އަދި ޑިސެމްބަރު މަހުގެ ދަތުރުގެ ކުރިން ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށާއި، އުފައްދާ ވޯކިން ގުރޫޕުތަކުން މަސައްކަތްތައް ނިންމާނެ ވަކި މުއްދަތުތަކެއް ކަނޑައެޅުމަށް ޕާކިސްތާނުގެ ކޮމާސް މިނިސްޓަރު ޖާމް ކަމާލް ޚާން ވަނީ ހުށަހަޅުއްވާފައެވެ.












