ބޭހަށް ނުގުޑާ ޖަރާސީމުގެ އެކި ބާވަތްތަކުން ރައްކާތެރިވެފައިވާ، ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާއާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ބޭހަށް ނުގުޑާ ޖަރާސީމުތައް އިތުރުވުމަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވަމުން އަންނަ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މީގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންގެ އިތުރުން ގަސްގަހާގެއްސާއި މުޅި ތިމާވެށީގެ ދުޅަހެޔޮކަން ނުރައްކަލުގެ ތެރެއަށް ވެއްޓެމުންދާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި އެންޓިމައިކްރޯބިއަލް ބޭސްތަކުގެ އަސަރު ކެނޑި، ބޭހަށް ނުގުޑާ ގޮތް ވުމުން އިންފެކްޝަންތައް އިތުރުވެ، ބަލިތަކަށް ފަރުވާ ދިނުމަށް ދަތިވެގެންދެއެވެ. މީގެ ސަބަބުން ދުވަހީ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން، އަންނަން އޮތް ޖީލުތަކަށް ވިލުންތެރި އަދި ދުޅަހެޔޮ މުސްތަޤުބަލެއް ހޯދައިދެވޭނީ ޒިންމާދާރުކަމާއެކު އެންޓިބައޮޓިކްސް ބޭނުންކޮށްގެންނާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއަރުވައިގެން އަދި ތިމާވެށި ރައްކާތެރިކޮށްގެން ކަމަށް ވިދާޅުވެ، ”ވަން ހެލްތު“ އުސޫލު އިޚުތިޔާރުކޮށް އެންމެން އެކުގައި ފިޔަވަޅު އެޅުމަށް އެކަމަނާ ގޮވާލެއްވިއެވެ.
Antimicrobial resistance (#AMR) is an emerging global threat, putting the health of humans, animals, plants, and the environment at risk. Medicines save lives, and when antimicrobials lose their effectiveness, infections are more common, harder to treat, and challenges our daily… pic.twitter.com/WO0yqaLnG9
— First Lady Sajidha Mohamed (@sajidhaamohamed) November 20, 2026
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު 18 އިން 24 އަށް ފާހަގަކުރާ ދުނިޔޭގެ އެންޓިމައިކްރޯބިއަލް އެވެއާނަސް ހަފުތާގެ މިއަހަރުގެ ޝިޢާރަކީ ”ވަން ހެލްތު، ވަން އެކްޝަން: ޕްރިވެންޓް އޭއެމްއާރް ނައު“ އެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި، އެފްއޭއޯ، ޔޫއެންއީޕީ އަދި ޑަބްލިއުއޯއޭއެޗް ފަދަ ބައިނަލްއަޤްވާމީ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް ފަދަ ޖަރާސީމުތައް ބޭހަށް ނުގުޑާ މައްސަލައަށް ހޭލުންތެރިކަން އިތުރުކޮށް، ސަރުކާރުތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، ދަނޑުވެރިން އަދި މުޅި މުޖުތަމަޢު ގުޅިގެން މިކަމަށް އަވަސް ޙައްލެއް ހޯދުމަށް ބާރުއެޅުމެވެ.
ބޭހަށް ނުގުޑާ ޖަރާސީމުގެ ސަބަބުން އަހަރުން އަހަރަށް މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، އޭގެ ސަބަބުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް މުޅި ދުނިޔެއަށްވެސް ދަނީ ކުރިމަތިވަމުންނެވެ.
މި ނުރައްކާތަކުން ރައްކާތެރިވެ، މައްސަލައިން އަރައިގަތުމަށްޓަކައި ދިވެހިރާއްޖެއިންވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ”ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓެންސް“ ގެ ނަމުގައި 2024 އިން 2029 ގެ ނިޔަލަށް ޚާއްޞަ ޤައުމީ އެކްޝަން ޕްލޭނެއް މިހާރު ވަނީ އެކުލަވާލާފައެވެ. ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން އެކުލަވާލި މި ޕްލޭންގެ ދަށުން، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މިހާރު ހުރި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ދައުލަތުގެ ކަމާގުޅޭ އެންމެހައި އިދާރާތައް ގުޅިގެން މި ނުރައްކަލުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މި ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.













