ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކުދިންގެ ދިރިއުޅުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި އެކުދިންގެ އަޑުއެހުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިބްރާހީމް އަލުން ކަށަވަރުކޮށްދެއްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، މިއަހަރުގެ މި ދުވަސް ފާހަގަކުރަނީ ”މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ“ މި ޝިޢާރުގެ ދަށުން ކަމަށެވެ. އަދި މި ޝިޢާރާ އެއްގޮތަށް ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށާއި އެކުދިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އެކުދިންގެ ބައިވެރިވުން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުޑަކުދިން ބޮޑުވަމުން އަންނަ ކޮންމެ މަރުޙަލާއެއްގައިވެސް އެކުދިންގެ ބޭނުންތައް ފުއްދައިދިނުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން އަނިޔާއިން ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކުރުމާއި، އާއިލީ ވެއްޓެއްގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފުޅާކުރުމާއި، ޞިއްޙީ ޚިދުމަތްތަކާއި، ޝާމިލު ތަޢުލީމާއި، ތެރަޕީގެ ޚިދުމަތްތަކުގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމާއި އަލުން މުޖުތަމަޢަށް ރުޖޫޢަކުރުމުގެ ޚިދުމަތްތައް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
Today, on #WorldChildrensDay, under the theme “My Day, My Rights, My Future,” we reaffirm our commitment to protecting children’s rights and ensuring their voices guide the decisions affecting their lives.
From strengthening protection against violence and expanding family-based… pic.twitter.com/HcrbHikD56
— Dr Mohamed Muizzu (@MMuizzu) November 20, 2026
މީގެއިތުރުން، ޒަމާނާއެކު ކުދިންނަށް ކުރިމަތިވާ އާ ގޮންޖެހުންތަކުން ރައްކާތެރިކުރުމުގެ ގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމަށް ގެނެވުނު އިޞްލާޙުތަކާއި، ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ކުޑަކުދިންގެ ލާބައަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެކަނި ސިޔާސަތުތަކެއް އެކުލަވާލުމުން އެދެވޭ ކުރިއެރުމެއް ނުލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޙަޤީޤީ ކުރިއެރުމެއް ހޯދުމަށްޓަކައި ކުދިންގެ ތަޖުރިބާތަކުގެ އަޑުއަހައި، އެކުދިންގެ ވިސްނުމަށް އިޙްތިރާމްކޮށް، އެކުދިންނަށް ވާރުތަވާން އޮތް މުސްތަޤުބަލު އަމިއްލައަށް ބިނާކުރުމުގެ ބާރުވެރިކަން އެކުދިންނަށް ދޭންޖެހޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދިވެހި ކުޑަކުދިން އެދޭފަދަ އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވަމުންނެވެ.













