މާނަވީ ކުރިއެރުމެއް ހޯދޭނީ ހަމައެކަނި ކުޑަކުދިންނަށް އަމާޒުކޮށް ސިޔާސަތުތަކެއް އެކުލަވާލައިގެން ނޫން ކަމަށާއި، އެ ކުދިންނަށް ވާރުތަވާނެ މުސްތަޤްބަލް ބިނާކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ބާރުވެރިކަން ދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، ކުދިންގެ ތަޖުރިބާތައް އަޑުއަހައި، އެ ކުދިންގެ ވިސްނުމަށް އިޙްތިރާމްކުރަންޖެހޭ ކަމަށެވެ. އަދި ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެ ކުދިންނާ ގުޅޭ ނިންމުންތަކުގައި އެ ކުދިންގެ އަޑު އަހައި، އެ ކުދިން އެދޭ ފަދަ މުސްތަޤްބަލެއް ބިނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
Today, on #WorldChildrensDay, under the theme “My Day, My Rights, My Future,” we reaffirm our commitment to protecting children’s rights and ensuring their voices guide the decisions affecting their lives.
From strengthening protection against violence and expanding family-based… pic.twitter.com/HcrbHikD56
— Dr Mohamed Muizzu (@MMuizzu) November 20, 2026
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރު ކަމަށްވާ ”މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ“ އަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުދިން ހެދިބޮޑުވުމުގެ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ އަސާސީ ސިޔާސަތުތައް ރާއްޖެއިން ދަނީ ތަންފީޛުކުރަމުން ކަމަށެވެ.
އެގޮތުން އަނިޔާއިން ކުދިން ރައްކާތެރިކުރުން ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލެއްގައި ކުދިން ބެލެހެއްޓުމުގެ ފުރުޞަތު ފުޅާކުރުމާއި، ޞިއްޙީ ޚިދުމަތްތަކާއި، ޝާމިލު ތަޢުލީމާއި، ތެރަޕީގެ ޚިދުމަތްތައް ކުރިއެރުވުމުގެ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމާއި، އަލުން މުޖުތަމަޢަށް ރުޖޫޢަކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނުތަކަށް ގެންނަ އިޞްލާޙުތަކާއި ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ކުދިންގެ ދުޅަހެޔޮކަމަށް އަލަށް ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ސަލާމަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ، ދަރިން ބޭނުންވާ ފަދަ މުސްތަޤްބަލެއް ބިނާކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޢަޒުމް އައުކުރުމަށް ގޮވާލައްވާފައެވެ.














