ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަތިޔާރު އެޅި ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެ، ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅޭ ކުޑަކުދިންގެ އަދަދު 589 މިލިއަނަށް އަރައި، ތާރީޚީ ރެކޯޑެއް ގާއިމުވެފައިވާއިރު، މިއީ 1990 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް އެއްކުރަން ފެށިފަހުން، ހަނގުރާމައިގެ ސީދާ އަސަރުކުރާ ސަރަހައްދުތަކުގައި މިހާ ގިނަ އަދަދެއްގެ ކުޑަކުދިން ދިރިއުޅެން ޖެހުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ ބައިނަލްއަގުވާމީ ޗެރިޓީ ޖަމިއްޔާ ”ސޭވް ދަ ޗިލްޑްރަން“ އިން މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިއީ މުޅި ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައެވެ.
ޕީސް ރިސާޗް އިންސްޓިޓިއުޓް އޮސްލޯ (ޕްރިއޯ) ގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ”ސްޓޮޕް ދަ ވޯ އޮން ޗިލްޑްރަން: ޗޭންޖިން ދަ އޮޑްސް“ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި، ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ހަނގުރާމައިގެ ވެށީގައި ދިރިއުޅޭ ކުޑަކުދިންގެ އަދަދު ވަނީ 50 އިންސައްތައަށް ވުރެ އިތުރުވެފަ އެވެ.
އެގޮތުން 2015 ވަނަ އަހަރު މިފަދަ ނުރައްކާތެރި ސަރަހައްދުތަކުގައި 378 މިލިއަން ކުދިން ދިރިއުޅުނު ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް އައިއިރު އެ އަދަދު ވަނީ 589 މިލިއަނަށް އުފުލިފަ އެވެ.
ނިސްބަތުން ބަލާއިރު، 1990 ގެ އަހަރުތަކުގެ މެދުތެރޭގައި ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ 10 އިންސައްތަ ހަނގުރާމައިގެ ސަރަހައްދުތަކުގައި ދިރިއުޅުނު ނަމަވެސް، 2025 ވަނަ އަހަރު އެ ނިސްބަތް ވަނީ 23.4 އިންސައްތައަށް ދެގުނަވެފަ އެވެ.
މި ދިރާސާގައި ހަނގުރާމައިގެ ސަރަހައްދެއްގެ ގޮތުގައި މިންގަނޑު ކަނޑައަޅާފައިވަނީ، މަދުވެގެން އެއް ހަތިޔާރު އެޅި ހަމަލާ ހިނގާފައިވާ ތަނެއްގެ ވަށައިގެންވާ 50 ކިލޯމީޓަރުގެ ސަރަހައްދެވެ.
ސަރަހައްދީ ގޮތުން ބަލާއިރު ހަނގުރާމައިގެ ބިރުވެރިކަމުގައި އެންމެ ގިނަ ކުދިން އުޅެމުންދަނީ އެފްރިކާ ބައްރުގައި ކަމަށްވާއިރު، އެއީ ދުނިޔޭގެ ނިސްބަތުން 44 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 260 މިލިއަން ކުދިންނެވެ.
މީގެ އިތުރުން މެދުއިރުމަތީގައިވެސް ހާލަތު ވަރަށް ބޮޑަށް ގޯސްވެ، 2024 ވަނަ އަހަރު އެ ސަރަހައްދުގައި 52 މިލިއަން ކުދިން ހަނގުރާމައިގެ ވެށީގައި އުޅުނު ނަމަވެސް، 2025 ވަނަ އަހަރު އެ އަދަދު ވަނީ 29 އިންސައްތަ އިތުރުވެ 67 މިލިއަނަށް އަރާފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެފްރިކާ އާއި މެދުއިރުމަތީގައި ދިރިއުޅޭ ކޮންމެ ފަސް ކުއްޖަކުން ދެ ކުއްޖަކު މިހާރު ދިރިއުޅެމުންދަނީ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ.
ޕްރިއޯގެ ރިސާޗް ޕްރޮފެސަރު ގުދްރުން އޮސްޓްބީ ވިދާޅުވި ގޮތުގައި، މި ރެކޯޑު އަދަދުތަކުން ހާމަވަނީ ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ކުޑަކުދިންގެ ދިރިއުޅުމާއި، ތައުލީމާއި، ސިއްހަތު އަދި މުސްތަގުބަލު ގެއްލެމުންދާ މިންވަރެވެ.
ހަނގުރާމައިގެ މާހައުލުގައި ތިބި ކުދިން ރައްކާތެރިކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިއަދުގެ ހަނގުރާމަތަކުގެ ހިތި ނަތީޖާ ކުރިއަށް އޮތް އެތައް ދިހަ އަހަރަކަށް ދެމިގެންދާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ސޭވް ދަ ޗިލްޑްރަން އިންޓަނޭޝަނަލްގެ ޗީފް އެގްޒެކެޓިވް އިންގަރ އަޝިން ވިދާޅުވީ، މި އިންސާނީ ކާރިސާ ދުވަހެއް ދުވަހަކަށް ފުޅާވަމުންދާއިރު، ކުޑަކުދިން ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގާއިމުކޮށްފައިވާ ނިޒާމުތައް ފޭލްވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ.




