އީރާނަށް އަމާޒުކޮށް ގިނަ ދުވަސްތަކަކަށް ދެމިގެންދާނެ އާ ވައިގެ ހަމަލާތަކެއް ދިނުމަށް އިސްރާއީލުން ބާރުއަޅަމުންދިޔަ ނަމަވެސް، އެކަމުގައި އަވަސް ނިންމުމެއް ނުނިންމާނެ ކަމަށާއި އާ އަހަރު ފެށުމުން ކަންކަން ހިނގާގޮތް ބަލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
މިދިޔަ ހަފްތާގައި އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާ ރޯމަން ގޮފްމަން ވޮޝިންޓަނަށް ކުރި ދަތުރުގައި، ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އާއި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފްއާ ބައްދަލުކޮށް އީރާނާ ދެކޮޅަށް އާ ވައިގެ ކެމްޕޭނެއް ފެށުމަށް ވަނީ އެދިފައެވެ.
އީރާނަށް ހަމަލާދިނުމަށް އޮތް ފުރުޞަތު ގެއްލިދާނެތީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޗައިނާގެ ޝެންޒެންގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު ބޭއްވި ތިން ގައުމުގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އީރާނަށް ނިއުކްލިއާ ހަތިޔާރެއް ލިބުނަ ނުދޭނެ ކަމަށް ބުނެފައެވެ.
އީރާނުން ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދަން އުޅޭ ކަމަށް ޓްރަމްޕް ކުރި ތުހުމަތުތައް ދޮގުކުރަމުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޤާއީ ބުނެފައިވަނީ، އެއީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަށް އެމެރިކާއިން ދެއްކި ފަދަ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
މި ދަނޑިވަޅުގައި، ކޮންގްރެސްގެ ހުއްދަ ނެތި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޓްރަމްޕަށް އޮތް ބާރުތައް ހަނިކުރުމަށް ހުށަހެޅި ގަރާރު، އެމެރިކާގެ ސެނެޓުގައި ބުރާސްފަތި ދުވަހު ނެގި ވޯޓެއްގައި 51-48 އިން ވަނީ ފޭލްކޮށްލާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް އެމެރިކާގެ އަސްކަރީ ކެމްޕޭނަށް 48.3 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށް ޕެންޓަގަންގެ އޮފިޝަލު އާތަރ މިލަރ ވަނީ ސެނެޓްގެ އާމްޑް ސާވިސަސް ކޮމިޓީގައި ހާމަކޮށްފައެވެ.
މި އަދަދަކީ މިދިޔަ އޮގަސްޓް މަހު ކޮންގްރެޝަނަލް ބަޖެޓް އޮފީހުން ލަފާކުރި 38 ބިލިއަން ޑޮލަރަށްވުރެ 27 އިންސައްތަ އިތުރު އަދަދެއް ނަމަވެސް، އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ޚަރަދު މި ހިސާބުގައި ނުހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ހޮރުމޫޒް ކަނޑުއޮޅި ބަންދުވެ، ޕާޝިއަން ގަލްފުން 2.8 ބިލިއަން ފީފާގެ ތެލާއި 60 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް ގެއްލިފައިވާއިރު، މި ހާލަތު ދިގުލައިގެން ހިނގައްޖެނަމަ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދާއިމީ ބަދަލުތަކެއް އަންނާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ވަނީ އިންޒާރު ދީފައެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުމަށް ބެލުމެއްނެތި، ހަތަރު މަސް ފަހުން ފުރަތަމަ ފަހަރަށް އީރާނުން އަލުން ތެޔޮ ބޭރުކުރަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެމެރިކާގެ އެއްގަމު ސިފައިންގެ ހަމަލާއަކަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ތައްޔާރަށް އޮތް ކަމަށާއި ލަންޑަނުގައި ހުންނަ އީރާން އިންޓަނޭޝަނަލް ޓީވީއަކީ އީރާނުގެ އަމާޒެއް ކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ހުސައިން މުހިއްބީ ވަނީ ބުނެފައެވެ.
އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ”ހަނގުރާމައެއް ނޫން އަދި ސުލްހައެއްވެސް ނޫން“ ހާލަތު ނިމުމަކަށް ގެނައުމަށް އަމުރުކުރައްވާފައިވާތީ، އެމެރިކާގެ ހިސާރާ ދެކޮޅަށް އީރާނުން އަސްކަރީ ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އީރާނުގެ ދައުލަތުގެ ޓީވީގެ ތަޖުރިބާކާރެއް ކަމަށްވާ މުސްތަފާ ނަޖަފީ ބުނެފައިވެއެވެ.
އިޓަލީގެ ނޭޕްލްސްގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވަނީ ހޮރުމޫޒް ކަނޑުއޮޅި ބަންދުވުމަކީ ބައިނަލްއަގުވާމީ ބޮޑު ކާރިސާއެއް ކަމަށް ވިދާޅުވެ، މި މައްސަލަ ހައްލުކުރެވޭނީ ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ރިޔާޒްގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް ދިން ހަމަލާތައް ސައުދީ އަރަބިއްޔާއާއި ބަހްރޭނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަމިއްލަ ނަފްސުގެ ދިފާއުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ސައުދީން ވަނީ އިންޒާރު ދީފައެވެ.
މީގެއިތުރުން، އީރާނުގެ މަދަދު ލިބޭ އިރާގުގެ ކަތާއިބް ހިޒްބުﷲ ޖަމާއަތުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އިރާގުގެ ޖުރުފް އަލް ސަޚަރު ސަރަހައްދުން ފައިބައި އެތަނަށް އިރާގުގެ ސަލާމަތީ ބާރުތައް ރުކުރުވާލުމަށް އެއްބަސްވެފައިވާއިރު، އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ މެންބަރު ލޯޑް ވޯލްނީ ވަނީ 47 އަހަރުގެ އަނިޔާވެރިކަމަށްފަހު އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ލިބުމަކީ އިނގިރޭސިވިލާތަށާއި ޑިމޮކްރެޓިކް ދުނިޔެއަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށް ވިދާޅުވެފައެވެ.












