ކޮންމެ ދުވަހަކު ހެނދުނު އެއް ބާވަތެއްގެ ނާސްތާއެއް ކެއުމަކީ ސިއްހަތަށް ގެއްލުންވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެންމެ މުހިއްމު ކަމަކީ ކާ ނާސްތާގައި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ހަމައަށް ހިމެނުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއްޖެ އެވެ.
”ނިއުޓްރިޝަން އިން ސިންކް“ ގެ ހެޑް ނިއުޓްރިޝަނިސްޓް ލަކްޝްމީ ކާލޭ ވިދާޅުވި ގޮތުގައި، ވަގުތު ސަލާމަތް ކުރުމުގެ ގޮތުން ކޮންމެ ދުވަހަކު އޯޓްސް ނުވަތަ ބިސް ފަދަ އެއް ކާނާއެއް ކެއުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. ނަމަވެސް، އަސްލު މައްސަލައަކަށް ވަނީ ސިއްހަތަށް ފައިދާ ނެތް، ރަނގަޅު ނޫން ނާސްތާއެއް އިހުތިޔާރު ކުރުމެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެއްގޮތަކަށް ނާސްތާ ބެހެއްޓުމަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިގޮތުން 2026 ވަނަ އަހަރު ކުރި ދިރާސާއަކުން ހާމަވި ގޮތުގައި، ތަފާތު ބާވަތްތަކުގެ ކާނާ ކެއި މީހުންނަށްވުރެ، ކޮންމެ ދުވަހަކު އެއް ބާވަތެއްގެ ކާނާ ބޭނުންކުރި މީހުންގެ ބަރުދަން ބޮޑަށް ލުއިވެފައިވެ އެވެ.
އެހެންނަމަވެސް، ސައި، ބެރީ އަދި އާފަލު ފަދަ ތަފާތު ގަސްގަހާގެހީގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ދިގު މުއްދަތުގެ ބަލިތަކުން ރައްކާތެރިވުމަށާއި ގޮހޮރުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އެހެން ދިރާސާތަކުން ދައްކަ އެވެ.
ނިއުޓްރިޝަނިސްޓް ކާލޭ ފާހަގަކުރެއްވި ގޮތުގައި، އާންމުކޮށް ގިނަ މީހުންގެ ނާސްތާގައި އެންމެ ބޮޑަށް މަދުވަނީ ޕްރޮޓީން އެވެ. މެންދުރު ވަންދެން ބަނޑުފުރިފައި ހުރުމަށާއި ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ހެނދުނުގެ ނާސްތާގައި 20 އާއި 30 ގްރާމާ ދެމެދުގެ ޕްރޮޓީން ހިމެނުމަށް އޭނާ އިރުޝާދު ދެއްވަ އެވެ.
އާންމުކޮށް ކައިއުޅޭ 40 ގްރާމް އޯޓްސްގައި 7 ގްރާމް ޕްރޮޓީން އަދި 2 ބިހުގައި 13 ގްރާމް ޕްރޮޓީން ހުންނައިރު، އެއީ ހަށިގަނޑަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. އެހެންކަމުން، ހަކުރު ގިނަ ސީރިއަލް ކެއުމުގެ ބަދަލުގައި، އޯޓްސްއާއެކު ގްރީކް ޔޯގަޓް ބޭނުންކޮށްގެން ނުވަތަ 3 ބިހުގެ އޮމްލެޓެއް ތައްޔާރުކޮށްގެން ނާސްތާގައި ޕްރޮޓީންގެ މިންވަރު އިތުރުކުރެވިދާނެ އެވެ.
މީގެ އިތުރުން، ހަފްތާގެ އެކި ދުވަސްތަކުގައި ނާސްތާގެ ތެރެއަށް އަޅާ މޭވާ، ނަޓްސް، ސީޑްސް ނުވަތަ ތަރުކާރީގެ ބާވަތްތައް ބަދަލުކޮށްލުމުން، ނާސްތާ ތައްޔާރުކުރުމުގެ ފަސޭހަކަން ނުގެއްލި ހަށިގަނޑަށް ބޭނުންވާ ތަފާތު މާއްދާތައް ލިބިގެންދާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ހާއްސަކޮށް މާބަނޑު އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ވަކި ހާއްސަ ޑައެޓެއްގައި އުޅޭ ފަރާތްތަކުން ކާނާގެ ތަފާތުކަމަށާއި ޕްރޮޓީންގެ މިންވަރަށް އިތުރު ސަމާލުކަމެއް ދޭންޖެހެ އެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ މަސްތައް ވަރުގަދަކޮށް ބެހެއްޓުމަށް އިތުރު ޕްރޮޓީން ބޭނުންވާތީ، ޑޮކްޓަރެއްގެ ނުވަތަ ޑައެޓީޝަނެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ.











