ފާއިތުވި ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ހަމަލާތަކާއި ހަނގުރާމައިގެ ޚަރަދު 48.3 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން އެ ގައުމުގެ ސެނެޓަށް ހާމަކޮށްފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ސެނެޓް އާމްޑް ސާވިސަސް ކޮމިޓީގެ އަޑުއެހުމެއްގައި ޕެންޓަގަންގެ ޑެޕިއުޓީ ކޮމްޕްޓްރޯލަރު އަދި އެސިސްޓެންޓް ސެކްރެޓަރީ އޮފް ދަ ނޭވީ ފޯ ފައިނޭންޝަލް މެނޭޖްމަންޓްގެ މަގާމަށް ނޮމިނޭޓްކޮށްފައިވާ އާތާ މިލާ ބުނީ، ނޮވެމްބަރު 13 ވަނަ ދުވަހާ ހަމައަށް ހަނގުރާމައަށް 48.3 ބިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށެވެ.
މި އަދަދުގެ ތެރޭގައި ހިމެނެނީ ހަތިޔާރާއި، ހަލާކުވާ އަސްކަރީ އާލާތްތަކުގެ ބަދަލުގައި އާ ތަކެތި ހޯދުމުގެ ޚަރަދުގެ އިތުރުން އޮޕަރޭޝަނަލް ޚަރަދުތައް ކަމަށް އޭނާ ބުންޏެވެ. ޑިމޮކްރެޓިކް ސެނެޓަރު ރިޗަޑް ބްލޫމެންތާލް ކުރި ސުވާލަކަށް ޖަވާބުދެމުން މިލާ އެއްބަސްވީ، އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ ޚަރަދު މި އަދަދުގައި ނުހިމެނޭ ކަމަށާއި، އެ މަރާމާތުތަކަށް ހިނގާނެ ޚަރަދުގެ ސީދާ އަދަދެއް އަދި ނޭނގޭ ކަމަށެވެ.
މި ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބާރުތައް ހަނިކޮށް، ކޮންގްރެސްގެ ހުއްދަ ނެތި ހަނގުރާމަ ކުރިއަށް ނުގެންދެވޭ ގޮތަށް ހުށަހެޅި ގަރާރެއް ބުރާސްފަތި ދުވަހު އެމެރިކާގެ ސެނެޓުން ވަނީ 51-48 ވޯޓުން ބޭރުކޮށްލާފައެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން މީގެ ކުރިން ފާސްކޮށްފައިވާ މި ގަރާރު ސެނެޓުން ބޭރުކޮށްލިއިރު، އާ އަހަރު ފެށުމުން މަސްރަހު ބަދަލުވާ ގޮތެއް ބެލުމަށްފަހު ނޫނީ އީރާނާ މެދު އަވަސް ނިންމުމެއް ނުނިންމާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޗައިނާގެ ޝެންޒެންގައި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގާއެކު ބޭއްވި ތިން ގައުމުގެ ބައްދަލުވުމުގައި ޓްރަމްޕް ބުނީ، އީރާނަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު އެމެރިކާއިން ނުދޭނެ ކަމަށެވެ. ހަމައެއާއެކު އީރާނުން ކެމިކަލް އަދި ބަޔޮލޮޖިކަލް ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ޓްރަމްޕް ކުރި ތުހުމަތުތައް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ ދޮގުކޮށް، އެއީ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމަށް އެމެރިކާއިން ދެއްކި ފަދަ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސިފަކޮށްފައެވެ.
އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑަށް ގޮންޖަހައި، ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އީރާނުން އަލުން ތެޔޮ އެކްސްޕޯޓް ކުރަން ތައްޔާރުވަމުންދާ ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އާ ގުޅުންހުރި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ ”ހަނގުރާމައެއްވެސް ނޫން، ސުލްހައެއްވެސް ނޫން“ އޮތް ހާލަތު ނިމުމަކަށް ގެނައުމަށް އަމުރުކުރައްވާފައިވާތީ، އެމެރިކާގެ ބްލޮކޭޑާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އީރާނުގެ ދައުލަތުގެ ޓީވީގެ އެނަލިސްޓް މުސްތަފާ ނަޖަފީ ބުނެފައިވެއެވެ.
އައިއާރްޖީސީގެ ތަރުޖަމާނު ހުސައިން މުހިއްބީ ބުނީ އެމެރިކާއިން އެއްގަމު މަގުން އަރައިގަތަސް އެކަމާ ކުރިމަތިލާން އީރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ވައިގެ އަދި ކަނޑުގެ ހަނގުރާމައަށްވުރެ އެއްގަމު ހަނގުރާމައިގައި އީރާނުގެ ގާބިލުކަން މާ ބޮޑު ކަމަށެވެ. އަދި ލަންޑަނުގައި ހުންނަ އީރާން އިންޓަނޭޝަނަލް ޓީވީއާއި އެ ތަނުގެ މުވައްޒަފުންނަކީ އީރާނުގެ އަސްކަރިއްޔާގެ އަމާޒުފަތްގަނޑެއް ކަމަށްވެސް އޭނާ އިންޒާރު ދީފައިވެއެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދާއިމީ ބަދަލުތަކެއް އަތުވެދާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ވަނީ އިންޒާރު ދީފައެވެ. އެ އޭޖެންސީން ބުނި ގޮތުގައި މި ހަނގުރާމައިގެ ސަބަބުން ގަލްފު ސަރަހައްދުން 2.8 ބިލިއަން ފީފާގެ ތެލާއި 60 ބިލިއަން ކިއުބިކް މީޓަރުގެ ގުދުރަތީ ގޭސް ވަނީ ގެއްލިފައެވެ. ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އިޓަލީގެ ނޭޕްލްސްގައި ބޭއްވި މެޑިޓެރޭނިއަން ޑައިލޮގްސް 2026 ފޯރަމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމަކީ މުޅި ދުނިޔޭގެ އިގްތިސާދީ ހަމަޖެހުމަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށާއި، މި މައްސަލަ ހައްލުކުރެވޭނީ އަސްކަރީ ބާރުގެ ބަދަލުގައި ޑިޕްލޮމެޓިކް މަޝްވަރާތަކުން ކަމަށެވެ.
މި ހަނގުރާމައިގެ އަސަރު ސަރަހައްދީ އެހެން ގައުމުތަކަށްވެސް ފޯރާފައިވާއިރު، އީރާނުގެ ވާގިވެރިކަން ލިބޭ ޔަމަނުގެ ހޫތީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓާއި އާންމު ތަންތަނަށް ދިން ހަމަލާތަކަށް ރައްދު ދޭނެ ކަމުގެ އިންޒާރު ސައުދީ ޚާރިޖީ ވުޒާރާއިން ވަނީ ދީފައެވެ. ބަހްރެއިންއިންވެސް މި ހަމަލާތައް ކުށްވެރިކޮށް އެއީ ޓެރަރިސްޓް އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ކަތާއިބު ހިޒްބުﷲ ޖަމާއަތުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އިރާގުގެ ޖުރުފް އަލް ސަޚަރުން ފޭބުމަށް އެއްބަސްވެފައިވާ ކަމަށް އަލް އަރަބިއްޔާއިން ރިޕޯޓްކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްގެ މެންބަރު ލޯޑް ވޯލްނީ ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވީ، 47 އަހަރުގެ އަނިޔާވެރިކަމަށްފަހު އީރާނުގެ ރައްޔިތުންނަށް މިނިވަންކަން ހައްގު ކަމަށާއި، މިނިވަން އީރާނެއް އޮތުމަކީ އިނގިރޭސިވިލާތަށާއި ޑިމޮކްރެޓިކް ދުނިޔެއަށް ލިބޭނެ ބޮޑު ފައިދާއެއް ކަމަށެވެ.












