މިއަދުގެ މިސްރާބަކަށް ވާންވާނީ އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިގުލާލު ހިމާޔަތްކޮށް، އީޖާދީ އަދި ތައުލީމީ ޖީލެއް އޮތް ”ދިވެހިންގެ ރާއްޖެ“ އެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިން އަބަދުވެސް އެދެނީ މަދަނިއްޔަތާއި ތަހުޒީބު ލިބިފައިވާ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކަމަށެވެ.
މޫސުމީ ބަދަލުތަކަށް ވިލުންތެރި، ހުރިހާ މާނައެއްގައި ޝާމިލު، އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރާއްޖޭގެ ތާރީޚުގެ އެކި މަރުހަލާތަކުގައި ލީޑަރުން ގެންނެވި މުހިންމު އިސްލާހީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގައުމަށް ގެންނަން އުޅުނު ހެޔޮ ބަދަލުތަކަށް އެކި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކުރީ ތަހުޒީބާއި ހޭލުންތެރިކަން ކަމަށެވެ.
އެގޮތުން ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީ އަންހެން ކުދިންނަށް ތައުލީމު ދެއްވަން ފެއްޓެވުމުން، އެއީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނެ އަދާވާތްތެރިން ދެކޮޅު ހެދި ނަމަވެސް، ބިލެއް ހުށަހަޅުއްވައިގެން ގާނޫނީ ބާރު ހޯއްދަވައިގެން އެކަން ކުރެއްވުމުގެ ފައިދާ މިއަދު މުޅި ގައުމަށް ލިބެމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރަށްރަށުގައި މަގުތައް ކަނޑައި ހެދުމުގެ މަސައްކަތް އަމީން ދީދީ ފެއްޓެވުމުން ވެސް ބައެއް ފަރާތްތަކުން ދެކޮޅު ހެދި ނަމަވެސް، ދުރުވިސްނުމާއެކު ރައްޔިތުން އެކަމަށް ތަރުހީބު ދިނުމުގެ ނަތީޖާއަކީ މިއަދު ފެންނަން ހުރި ރީތި ތަރުތީބު މަގުތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް ނާސިރުގެ ޒައާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތް ފެއްޓެވުމުން، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ދެކޮޅުހެދި ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި ފަތުރުވެރިކަން ފެއްޓެވުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ފީސިބިލިޓީ ޕްލޭނެއް ހަދައި ފަތުރުވެރިކަން ކުރިއަށް ނުދާނެ ކަމަށް ދެކޮޅުވެރިން ދެއްކިއަސް، ދެތިން ބަޔަކު ގުޅިގެން އާދައިގެ ގޮތަކަށް ފެށި އެ މަޝްރޫއަކީ މިއަދު ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަށް މަގުފަހިކޮށްދިން ބިންގާ ކަމަށް ރައީސް ވިދާޅުވިއެވެ.













