ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރައި، އެ ޕާޓީން ކަނޑައެޅި ބޮޑު އަމާޒަށް މިއަދު ވާސިލުވެއްޖެއެވެ.
މި އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްޞަ އަމާޒެއްކަން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ.
ޕާޓީގެ މެންބާޝިޕް އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ސެޕްޓެންބަރު މަހު ބޭއްވި ޕީއެންސީގެ ކޮންގްރެސްއާ ހަމައަށް ދިޔައިރުވެސް އެ ޕާޓީގެ ދަފުތަރުގައި 80،000 އަށްވުރެ ގިނަ މެންބަރުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3،000 މެންބަރުން ކަމަށް ވީނަމަވެސް، އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅާއެކު ޕާޓީ މިހާރު މިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއަށް ވެފައެވެ.
ސިޔާސީ ޕާޓީތައް އުފެދިފައިވަނީ ޤައުމަށް ކުރިއެރުމާއި ލާބައާއި މަންފާ ހޯދައިދިނުމުގެ މަތިވެރި މަޤުޞަދުގައިކަން ފާހަގަކުރައްވައި، ޕީއެންސީ މި ހިސާބަށް ގެނައުމުގައި ރައީސް މުޢިއްޒު ދެއްވާ އިސްކަމާއި ކުރައްވާ މަސައްކަތްޕުޅަށް ފަލާޙު ވަނީ ތަޢުރީފު ކުރައްވާފައެވެ.













