ޓެކްސް ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނައުމާއެކު، ބޭރުގެ ބުކިންގ އޭޖެންޓުންގެ އަތުން ނަގަމުން އައި ޖީއެސްޓީ ހުއްޓާލުމަށާއި މީރާގެ ނިންމުންތައް އިސްތިއުނާފު ކުރުމުގައި ޓެކުހުގެ ބައެއް ދައްކަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ތިން ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކުރި މި ތިން ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙުތަކެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙާއެކު، ރާއްޖޭގައި ދާއިމީ ވިޔަފާރިއެއް ނެތް ބޭރުގެ ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކަށާއި، އެފަދަ ޚިދުމަތްތަކާ ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތަކުން މިއަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަގަމުން އައި ޖީއެސްޓީ ނެގުން ވަނީ ހުއްޓާލާފައެވެ.
އޭގެ އިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވާ ފަރާތްތަކާ މެދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެޅޭނެ ފިޔަވަޅުތައް މި އިޞްލާޙުގެ ދަށުން އިތުރަށް ހަރުދަނާކޮށްފައިވެއެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި 5 ވަނަ އިޞްލާޙުގައިވާ ގޮތުން، މީރާއިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅޭނީ، އިސްތިއުނާފު ކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ މީރާއަށް ދެއްކުމަށްފަހުގައެވެ.
އަދި ވަކި ޙާލަތްތަކެއްގައި އިސްތިއުނާފު ކުރާ މުޅި އަދަދު އެއްކޮށް ދައްކަން ޖެހޭ ގޮތަށް ކަނޑައަޅާފައިވާއިރު، ޖޫރިމަނާއާއި އިންޓްރެސްޓާ މެދު ޢަމަލުކުރާނެ އުސޫލުތައްވެސް މި ބިލުގައި ވަނީ ތަފްޞީލުކޮށްދީފައެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 3 ވަނަ އިޞްލާޙުގެ ދަށުން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ މިންވަރު ނުވަތަ އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ ވަނީ 30 އިންސައްތައިން 25 އިންސައްތައަށް ދަށްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލުތައް ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، ޖީއެސްޓީ ޤާނޫނާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އިޞްލާޙުތަކަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާފައިވާއިރު، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށާނީ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.













