ދައުލަތުގެ ބަޖެޓުން ރައްޔިތުންނަށް ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫނާރާ ގޮތަށް، އަދި ދަރަނި އަދާކުރުމަށް އިތުރު ލޯނެއް ނުނަގައި މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 1.853 ބިލިއަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ’ޖަވިޔަނި‘ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ސަރުކާރެއްގެ ތިން އަހަރުގެ ތެރޭގައި ދެއްކި އެންމެ ބޮޑު ދަރަންޏެވެ. ވޭތުވެދިޔަ ދެ ސަރުކާރުގެ 10 އަހަރުގެ ތެރޭގައި ދެއްކުނީ 1.37 ބިލިއަން ޑޮލަރު ނަމަވެސް، މި ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ސީދާ ދަރަނީގެ ގޮތުގައި 1.453 ބިލިއަން ޑޮލަރު އަދި ކަރަންސީ ސްވަޕް ފެސިލިޓީތަކާއެކު ޖުމްލަ 1.853 ބިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ކުރީ ސަރުކާރުގެ ފުރަތަމަ ތިން އަހަރާ އަޅާބަލާއިރު 483 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ސަރުކާރު ހަވާލުވިއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި ބޮޑު ދަރަނި ދައްކައިގެން ގައުމު ކުރިއަށް ގެންދާނެ ގޮތަކާ މެދު އުފެދުނު ކަންބޮޑުވުންތައްކަން މިނިސްޓަރު ހަނދާން އާކުރެއްވި އެވެ. އޭރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ނަމަވެސް، ސަރުކާރުގެ ބުރަ މަސައްކަތުން އެ ފަންޑު 350 މިލިއަން ޑޮލަރަށް އިތުރުކުރެވުނު ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ދާދިފަހުން ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި އަދާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެސްޑީއެފްގައި ރައްކާކުރެވުނު މި ފައިސާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މާލީ ހާލަތު ހަމައަކަށް އެޅުވުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިއީ ޚަރަދު ކުޑަކުރުމާއި ރިޒާވް ބެލެހެއްޓުމުގެ އިތުރުން އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގެންފައިވާ ކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޒަރީރު ވިދާޅުވީ، އަންނަ އަހަރު ދައްކަންޖެހޭ ދަރަނި މިއަހަރަށްވުރެ ކުޑަވާނެތީ، ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރުމަށް އިތުރު މާލީ ޖާގަ ލިބިގެންދާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ރޭވިފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޞިއްޙީ، ތަޢުލީމީ އަދި ބޯހިޔާވަހިކަމުގެ ޕީއެސްއައިޕީ މަޝްރޫއުތައް ފުޅާކުރުމަށާއި، އަލަށް ގެދޮރު ގަންނަ ޒުވާނުންނަށް އިކުއިޓީ ކޮންޓްރިބިއުޝަން ދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އިންޑޯ ސްޕޯޓްސް ކޯޓުތަކާއި ޒަމާނީ ޖިމްތަކުގެ އިތުރުން ކުޑަކުދިންގެ ޕާކުތައް ގާއިމުކުރުމަށްވެސް ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓް ޑެފިސިޓާއި ދަރަނި އަހަރުން އަހަރަށް ކުޑަކުރުމުގެ އަމާޒަށް ވާސިލުވުމަށް ރައީސުލްޖުމްހޫރިއްޔާ ސީދާ ބައިވެރިވެވަޑައިގެން މާލީ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި ފާއިތުވި ތިން އަހަރު މާލީ ހަމަޖެހުން ގާއިމުކުރެވިފައިވާތީ، ކުރިއަށް އޮތް ދެ އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތައް ފުރިހަމަވެ، ރައްޔިތުންނަށް އޭގެ ސީދާ ނަތީޖާ ފެންނާނެ އުފާވެރި ދެ އަހަރު ކަމަށްވެސް މާލީ ވަޒީރު ވިދާޅުވި އެވެ.














އެހެންވީމާ ދަރަނި މިހާރު 100 ބިލިއަނަޢް ދައްވީތޯ ?????