ރާއްޖެއަށް މުޅިން އަލަށް ތަޢާރަފުވާ ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އާންމުންނާއި ކަމާގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައި، އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ރިއަލް އެސްޓޭޓް ދާއިރާއަކީ ރާއްޖެއަށް އާ ވިޔަފާރިއަކަށް ވާތީ އެ ބިލު ފުޅާ ދާއިރާއެއްގައި ދިރާސާކުރުން މުހިންމެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މި ބިލާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކުން ލިޔުމުން ޚިޔާލު ހޯދުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަސް ކަމުގައި ކަނޑައެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހެޅުއްވި ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ބިލަށް ކޮމެންޓް ހޯދުމަށް ފޮނުވަން ނިންމާފައިވާ އިދާރާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މިނިސްޓްރީ އޮފް ފިނޭންސާއި، އެޓާނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އިތުރުން ވިޒިޓް މޯލްޑިވްސް ހިމެނެއެވެ.
ކޮމިޓީގެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި ޑިސެމްބަރު 7 ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒެވެ. މި ހުށަހެޅުމަށް ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޒީމް ތާއީދުކުރެއްވުމާއެކު، ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ އެ ތާރީޚަށް ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ.











